ލުނބޯފަންޔަކީ ހޫނު ގަދަ ދުވަހެއް ނަމަ ކަރުހިއްކުން ފިލުވާލުމަށާއި ވަރުބަލިކަން ފިލުވައިލުމަށް ގިނަބަޔަކު ޒަމާނުންސުރެން ބޮއެއުޅުން ލުއި އަދި އަނގަޔަށް މީރު ބުއިމެއް ނަމަވެސް އޭގެ ބަދަލުގައި ބުއިން ރަނގަޅީ ލުނބޯފެނެވެ. އޭގެ ފައިދާވެސް މާގިނަ އެވެ.
ޑީހައިޑްރޭޓްވެ ވަރުބަލިވުމުން ސަލާމަތްވުމަށް ވެސް ލުނބޯފަނި ވަރެއް ނެތެވެ. ޑީހައިޑްރޭޓް ވަނީ ހަށިގަނޑަށް ލިބެންވާ ވަރަށް ފެން ނުލިބޭތީ އެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ލިބެންވާ މިންވަރަށް ފެންބޮވެނީ މަދު މީހަކަށެވެ. ބައެއް މީހުން ފެން ބޯހިތް ނުވަނީ އެވެ. އަނެއް ބަޔަކަށް ފެން ނުބައީ އެވެ. މި ފަދަ ތަފާތު ސަބަބުތަކާއި ހުރެ ފެން ބޯންވީވަރަށް ނުބޮވޭ މީހުންވެސް ބޯންގެންގުޅޭ ފެންފުޅީގެތެރެއަށް ލުނބޯ ފޮތިކޮށްފައި އަޅާލައިގެން ނުވަތަ ލުނބޯގެ ހިތް ފެލައިގެން ލުނބޯފެން ބުއިމުން ޑީހައިޑްރޭޓް ވުމުން ސަލާމަތްވުމަށް އެހީއަކަށްވެ އެވެ.
ލުނބޯ ފަަދަ ހުތް އެއްޗެސަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިން ސީ އިން މުއްސަނދި މޭވާތަކެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ. ލުނބޯ ފަޅިއެއް އެކި ފަހަރު މަތިން ފެނަށް އަޅައިގެން ބޭނުންކޮށްފި ނަމަ އެ ދުވަހަކަށް ބޭނުންވާ ވަރަކަށް ހަށިގަނޑަށް ވިޓަމިން ސީ ލިބޭނެ އެވެ. އަދި މިއީ، ސްޓްރޯކް އާއި ކާޑިއޯވަސްކިއުލާ ބަލިތަކުން ސަލާމަތް ވުމަށްވެސް އެހީވެދޭ އެއްޗެކެވެ.
އާންމުކޮށް ދިވެހިން ކެއުމާއި އެކު ބޭނުން މިކުރާ ހަކުރު ގިނަ ފިޒީ ޑުރިންކްސްގެ ބަދަލުގައި ކެއުމާއި އެކުވެސް ލުނބޯފެން ބޭނުންކުރުމަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ފަސޭހަ ގޮތެކެވެ. މި ބުއިމުގެ ސަބަބުން ބަނޑުވެސް ފުރިފައި ފައިދާ ވެސް އެހާ ގިނަ އެވެ.
ލުނބޯގައި އެކުލެވޭ ވިޓަމިންސީގެ ސަބަބުން ހަމުގެ ކުރަކި ކަމާއި މޫނުގެ ރޫ ފިލުވާލައި ޒުވާންކަން މަތީ ބެހެއްޓުމަށް އެހީވެ ދޭނެ އެވެ. އަދި ސީދާ އަވި ހަމުގައި ޖެހުމުން އެ ލިބޭ ގެއްލުމުން ސަލާމަތް ވުމަށްވެސް ވިޓަމިން ސީ އެހީވެދޭނެ އެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ލުނބޯ ހިމަނާށެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުން ކާ އެއްޗެހި ހަޖަމަވުމުގައި މައްސަލަތަކެއް ކުރިމަތިވެ އެވެ. ހަޖަމް ކުރުމުގެ ނިޒާމް ވަރުގަދަ ކުރުމަށް ލުނބޯ އެއީ ޑައިޖެސްޓިވް އެންޒައިމްސް އުފައްދަން ވެސް އެހީވެދޭ މާއްދާތައް އޭގައި ހިމެނޭތީ އެވެ.
ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑަކީ ކިޑްނީ ހިލަ އުފެދުމުން ސަލާމަތް ކުރަން އެހީވެދޭ މާއްދާ އެކެވެ. އަދި މި ސިޓްރޭޓް އިން ކިޑްނީގައި އުފެދިފައި ހުންނަ ކުދި ހިލަތައް ނެއްޓުމަށް ވެސް ފަސޭހަ ކޮށްދޭނެ އެވެ. މަދުން ނަމަވެސް ލުނބޯ ފެން ބޯ ނަމަ ކިޑްނީ ހިލަ އުފެދުމުން ސަލާމަތްވާން އެހީތެރިވެ އެވެ.