އިބްރާހިމް ހަމީދު
ނަރުހުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ނަރުހުންގެ ދުވަސް ފާހަގަ ކުރަމުން އެބަދެއެވެ.
އެގޮތުން ރޭ ވަނީ އެހޮސްޕިޓަލްގެ ގޯތިތެރޭގައި ނަރުހުންގެ ފަރާތުން ޑިނާރ ނައިޓަކާއި އެކު ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިޑިނާރ ނައިޓްގައި ހެލްތު ކޯޕަރޭޝަނުގެ އިސްވެރިންނާއި ރީޖަނަލް ހޮސްޕިޓަލްގެ ވެރިންގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންގެ އިންޗާރޖް ޝަހުމާ އަލީ ވިދާޅުވީ ޑިނާރ ނައިޓްގެ އިތުރުން ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނަރުހުންނާއި އެހޮސްޕިޓަލުގެ އިދާރީ މުވައްޒަފުންގެ ތެރެއިން ހޮވާލެވޭ ޓީމަކާއެކު މިއަދު ހަވީރު ހޮސްޕިޓަލް ގޯތިތެރޭގައި ނެޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަރުހުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ތެލްސީމިޔާ ދުވާހާއި ގުޅުވައިގެން ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާއާއި ނަރުހުން ގުޅިގެން ލޭއަޅަން ކުޅުދުއްފުއްޓަށް އަންނަ ކުދިންގެ ބެލެނިވެރިންނަށް އެކަމާއިބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 64 ނަރުހުން މަސައްކަތްކުރަމުން ގެންދާއިރު ބަލިމީހުންނަށް ނަރުހުންގެ ފަރާތުން ދޭންވާ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެހޮސްޕިޓަލުގެ ނަރުހުންގެ އިންޗާޖް ޝަހުމާ އަލީ ވިދާޅުވިއެވެ.