twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޫމަޑި ކޮމްޕެނީގެ ފަރާތުން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށައިފި

May 14, 2011

އިބްރާހިމް ހަމީދު

ނޫމަޑި ކޮމްޕެނީގެ ފަރާތުން ކުޅުދުއްފުށީ ހަސަނާތު މިސްކިތުގެ ކުރިމަތީ އޮތް ހުސްބިމުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މެއި މަހުގެ އެއްވަނަ ދުވަހު އަމަލީ މަސައްކަތް ފެށި ނޫމަޑި ކޮމްޕެނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓްގެ ސީއީއޯ އަނާން ކުޅުދުއްފުށި އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށީ ގައި 200 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހީގައި ހިމެނޭ 40 ހައުސިން ޔުނިޓް ގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ 40 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ސާމާނާއި މެޝިނަރީ މިހާރު ކުޅުދުއްފުއްޓަށް ގެނެވިފައިވާ ކަމަށާއި އެންމެ ފުރަތަމަ ކުޅުދުއްފުށީގައި މަސައްކަތް ފަށައިގެން ކުރިއަށްދާ ހައުސިން ޔުނިޓްތަކަކީ ކޮންމެ ޔުނިޓެއްގައި 03 ކޮޓަރީގެ އެޕާރޓްމަންޓް ހިމެނޭގޮތަށް އަޅާގެތަކެއް ކަމަށް އަނާން ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަމުން ދާ 40 ހައުސިން  ޔުނިޓްގެ މަސައްކަތް 05 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. ހައުސިން ޔުނިޓު އެޅުމުގެ މި ޕްރޮޖެކްޓްގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.  މި މަސައްކަތުގައި ހައުސިން މިނިސްޓްރިންނާއި ކުޅުދުއްފުށީ ކައުންސިލުންނާއި ގައުމީ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް އަނާން ވިދާޅުވިއެވެ.

ނޫމަޑި ކޮމްޕެނީން ކުޅުދުއްފުށީގައި ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރަމުންދާއިރު ހދ.ހަނިމާދު، ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ކެލާ، އަދި އެއަތޮޅު ހޯރަފުށީގައިވެސް ހައުސިން ޔުނިޓްތައް އެޅުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެރަށްރަށުގައި އެމަސައްކަތް ފެށޭނެ ވަކި ތާރީހަކާއި އެރަށްރަށުގައި އަޅާ ގެތަކުގެ އަދަދު މިވަގުތު އަދި ދަންނަވަން ދަތިކަމަށް އަނާން ވިދާޅުވިއެވެ.

މިވަގުތު ކުޅުދުއްފުށީގައި މަސައްކަތް ކުރަމުންދަނީ 55 މުވައްޒަފުންނާއިއެކު ކަމަށްވިޔަސް އަދި ވަރަށް އަވަހަށް މަސައްކަތް ކުރާނެ މުވައްޒަފުން އިތުރު ކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355