twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހާއްސަ ހުއްދައިގެ ނަތީޖާ ވަރަށް ހިތި، މިއީ ދިން އަނިޔާއެއް!

- ހާއްސަ ހުއްދައިގެ ދަށުން މިދިޔަ މަހު ކުޅުދުއްފުއްޓަށް ފުލުހުންގެ ޓީމެއް އައިސްފައިވޭ
- އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީމެއްވެސް މިދިޔަ މަހު ކުޅުދުއްފުއްޓަށް އައިސްފައިވޭ

އަބްދުލް ވާހިދު ޙަސަން
Oct 6, 2020
7

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ތިލަދުންމަތީގެ ވެރިކަން ކުރާ ރަށްތަކާއެކު ގިނަ ރަށްތަކަށް މިވަނީ އަރައި ފޭބުން މަނާކޮށްފަ އެވެ.

މި ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް، ކުޅުދުއްފުއްޓާއި ހއ ދިއްދޫ، ށ ފުނަދޫ، ހއ ހޯރަފުއްޓާއި ބާރަށް އަދި ހދ ކުރިނބީ ރޭގެ ވަގުތެއްގައި ވަނީ އެޗްޕީއޭއިން މޮނިޓަރިންއަށް ލާފަ އެވެ. އެއްފަހަރާ ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލުމުން، ކޮވިޑް މުޅި އުތުރުގައި ފެތުރިދާނެކަމުގެ ކަންބޮޑުވުން އާންމުގެ ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

އަދި މާލެއަށް ދަތުރުކޮށްފައިނުވާ އެ ފުލުސް މީހާއަށް ކޮވިޑް ޖެހުނު ގޮތަކާމެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ. ކޭއޯއަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާގޮތުގައި އެ ފުލުސް މީހާ މީގެ ދުވަސްކޮޅެއް ކުރިން ހަރަކާތްތެރިވަނީ ހާއްސަ މަސައްކަތެއް ކުރުމަށް މާލެއިން ކުޅުދުއްފުއްޓަށް އައި ފުލުހުން ތަކަކާއެކު އެވެ. އެހެންވުމުން އެ މީހާއަށް ބަލި ޖެހިފައިވަނީ މާލޭން އައި ފުލުހުންގެ ފަރާތުންކަން ޔަގީންވެ އެވެ.

ކޮޗިން ކާގޯފެރީން ގެނައި ތަކެތި ޗެކްކުރުމަށް ކުއްތާ ހިފައިގެން ފުލުހުންގެ ޓީމެއް ކުޅުދުއްފުއްޓަށް އައިސްފައި ވެއެވެ. އެ ދުވަސްވަރު އެ ފުލުހުން ރަށުތެރޭގައި އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުވެސް ކުރި އެވެ. އަދި ހަމަ އެދުވަސްތަކުގައި ޕީއެސްއެމްގެ ތިން ނޫސްވެރިޔަކުވެސް އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް އައިސް އާންމު ތަންތަނުގައި އުޅެގެން އެ މައްސަލަވެސް ހޫނުވި އެވެ. އެކަމަކު ހާއްސަ ހުއްދައިގެ ދަށުން އަންނަ ފަރާތްތަކަށް ކައުންސިލްތަކުން ނުވަތަ ޓާސްކްފޯސްތަކަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯވެ އެވެ.

އަދި ފުލުހުންގެ އެ ޓީމު ވަނީ ކުޅުދުއްފުށީގެ އިތުރުން، ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށް، ބައެއް ރަށްތަކުގައި ކުއްތާ ބޭނުންކޮށްގެން އޮޕަރޭޝަންތައްވެސް ހިންގާފައިވެ އެވެ.

ޕޮޒިޓިވްވި ފުލުސް އޮފިސަރު މާލެން ކުޅުދުއްފުއްޓަށް އައި ފުލުހުންތަކަކާ ކޮންޓެކްޓްވިކަން ހާމަކުރުމުގެ ބަދަލުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުޅުދުއްފުށީގައި މަސައްކަތްކުރާ މާލެއަށް ދަތުރުކޮށްފައިނުވާ ފުލުހެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ މާލެއިން ކުޅުދުއްފުއްޓަށް އައި ފުލުހުން ތަކަކާ ކޮންޓެކްޓްވިކަން ހާމަނުކުރެއްވީ ކީއްވެ ކަމެއް ސާފެއް ނުވި އެވެ.

އިތުރަށް ޑރ ނަޒްލާ ވިދާޅުވީ، ދަތުރުކޮށްފައިވާ ރަށްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރިއަށްދާ ވަގުތު އެރަށްތައް ވަގުތީގޮތުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ތިލަދުންމަތީގެ ރަށަކަށް ނިސްބަތްވާ އަދި މި ކޭސްއާ ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއްގެ ކައުންސިލަރަކު ވިދާޅުވީ، މާލޭން ކުޅުދުއްފުއްޓަށް އައި ފުލުހުންގެ ޓީމުގެ މީހުން އެރަށަށް ދިޔަ ކަމަށާއި އަދި އެ މީހުން ފުލުހެއްގެ ގެޔަށް ގޮސް ކެއުމުގައިވެސް ބައިވެރިވި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ހިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، ކަރަންޓީނުވުމަކާ ނުލާ އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަސް ދުވަހަށްވުރެ ގިނަ ނޫން މުއްދަތަކަށް ރިސޯޓްތައް ފިޔަވާ މަސައްކަތްކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރެވޭނެ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކުން ރަށްރަށަށް ދަތުރުކުރުމުގައި އެޗްޕީއޭގެ ހުއްދަ ނަގައި އެކަން ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދިވެސް އެ އުސޫލުގައި ބުނެފައިވަނީ އެފަދަ ރަށަކުން ދަތުރުކުރުމުގައި އާއި މަސައްކަތުގައި އުޅޭއިރު މާސްކް އަޅަން ޖެހޭނެ ކަމަށާއި މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާ ތަން ފިޔަވާ އިތުރު އެހެން ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ނުދިޔުން ހިމެނެ އެވެ.

އަދި ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭގެ އެ އުސޫލުގައި ބުނެފައިވެ އެވެ.

ކޮވިޑްގެ މި ކޭސްއާ ގުޅިގެން އާންމުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކޮށް ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ކޭއޯއާ ވާހަކަދެއްކި ވިޔަފާރިވެރިޔަކު ބުނީ، މާލޭން ދެކުނުގެ ރަށްތަކުގެ މީހުން އުތުރަށް ބޭސްފަރުވާ އާއި ޒަރޫރީ ހިދުމަތްތައް ހޯދުމަށް އަންނަ ތަން ބަލަން ސަރުކާރަށް ކެތެއް ނުވާނެ ކަމަށާ މިއީ ސަރުކާރުން ގަސްތުގައި މިސަރަހައްދަށް ދިން "އަނިޔާ" ކަމަށް އޭނާ ތުހުމަތުކުރި އެވެ.

ހާއްސަ ހުއްދައިގެ ދަށުން އަންނަ ފަރާތްތައް މުޅި ރަށުތެރޭގައި އުޅޭއިރު އެކަން ބަލައި ތަންފީޒުކުރެވޭނެ ހަރުދަނާ އުސޫލެއް ނެތް އިރު އެކަންކަން ބަލައި ތަންފީޒުކުރަން ހުރި އިދާރާގެ ތެރެއިން އެތަކެއް ރަށްތަކަށް ނުރައްކާ ފޯރުވެފައިވުމީ ބޮޑު ކަންބޮޑުވުމެއްކަމަށްބުނެ ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355