ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ) ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އެގްޒިމް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގްޒިމް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވެޑްއެވެ.
ބްރިޖުގެ މަޝްރޫއުއަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 100 މިލިއަން ޑޮލަރު ދޭން ވަނީ ހަމަޖެހިފައެވެ. ލޯނު އަނބުރާ ދައްކަން ދީފައިވަނީ 20 އަހަރުގެ މުއްދަތެވެ. ފުރަތަމަ ފަސް އަހަރު ކަނޑައަޅާފައިވަނީ ގްރޭސް ޕީރިއަޑްގެ ގޮތުގައެވެ.
Minister of Finance @iameeru and Mr. Nirmit Ved, General Manager of @Indiaeximbank has today signed a Dollar Credit Line (LOC) Agreement of USD 400 million for the purpose of financing the Greater Male’ Connectivity-Male’ to Thilafushi Link Project #GMCP pic.twitter.com/ZGvV6GgXfh
— Ministry of Finance (@MoFmv) October 12, 2020
މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އިންޑިއާގެ އަރޫޕް ލިމިޓެޑްއެވެ. މަޝްރޫއުގެ ޓެންޑަރިން ހުޅުވާލައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕްރީ ކޮލިފިކޭޝަންއަށް ހުޅުވާލަން ވަނީ ހަމަޖެހިފައެވެ. ބްރިޖުގެ މަޝްރޫއު މި އަހަރުގެ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސްއިން ބުންޏެވެ.
މާލެ-ތިލަފުށި ބްރިޖު ގުޅާލުމުން ހުޅުމާލެއިން ފެށިގެން ތިލަފުށްޓާ ދެމެދު އެއްގަމު ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލެވި، ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރު ފަތުރު ކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ބްރިޖަކުން ގުޅާލެވުމުން އެއްގަމު މަގުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދެވުމުގެ ފުރުސަތު ހުޅުވިގެން ދިއުމާއެކު ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ހިސާބުތަކުން ބަދަލު ކުރެވި މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.
ސަރުކާރުން ބުނީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތައް އެކަށޭނެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަކަށްވެފައި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ އެހެން ހުރިހާ ދާއިރާތަކެއް ކުރިއަރައިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.