ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެން އެގުރިކަލްޗަރަލުން ފަށައިފި އެވެ.
"ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުން" މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ގަސްތަށް ގެންދިޔުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ ހއ. އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިމުގައި އިންދުމަށް ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިގޮތުން ހަދިޔާކުރަން ހަމަޖެހިފައިވާ ގަސްތަކަކީ ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތަކެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެއް ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއި އެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ ހަރަކާތް މި 3 ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ