ކުޅުދުއްފުށި ސިޓީން ކައްކާގެ ގޭސް ހުސްވެއްޖެ އެވެ. ކައްކާ ގޭސް ހުސްވީ، މާލެ ސަރަހައްދުގެ މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ކައްކާ ގޭސް ހިފައިގެން އަންނަ ދޯންޏަށް ނާދެވުމުގެ ސަބަބުންނެވެ.
ކުޅުދުއްފުށީގައި ހަމައެކަނި ކައްކާ ގޭހުގެ ހިދުމަތް ފޯރުކޮށްދޭ "ސޭމް ގޭސް"ގެ ވެރިޔާ އަބްދުއްސަލާމް އަބޫބަކުރު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބަރުކުރި ގޭސް ޝިޕްމެންޓް މޫސުމް ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން ސޭމުން ގޭސް ހުސްވެފައިވާ ކަމަށެވެ.
"ގޭހަކީ ހުސްވާން ކައިރިވީމަ ގުޅާލައިގެން ދޯންޏަށް ބަރުކުރެވޭ އެއްޗެށް ނޫން. އޭއީ މިކޮޅުގަ ހުންނަ ހުސްފުޅި މާލެ ފޮނުވައިގެން ރިފިލް ކޮށްގެން ގެންނަ އެއްޗެއް. އެހެންކަމުން އެހެން މުދާ ގެނައުމާ ވަރަށް ތަފާތުވާނެ. މިހާރު ރަށަށް ދަތުރު ފަށާފަވީ ގޭސް ބަރުކުރި އެއް ދޯނި އަނެއްކާ މިއަދު ވެސް ވެއްޖެ ދޯންޏެއް ފުރުވާލާފަ. އިރާދަ ކުރެއްވިއްޏާ މާދަމާ ހެނދުނަށް ގޭގެއަށް ގޭސް ލިބޭވަރުވާނެ" ސަލާމް ވިދާޅުވި އެވެ.
"މިތުރު ކޮމްޕެނީގެ މުދާ އުފުލާ ދޯނިތަކުގަ މި ގޭސް އުފުލަނީ. ރޯޔަލް ބޯޓަށް އެރުވި އެއްޗެހި އަދި ރަށަށް ނުފޯރައިގެން މި އުޅެނީ މޫސުމް ގޯސްވެގެން. މިތުރު ދޯނިތައް ރެގިއުލާކޮށް ދަތުރު ކުރާ އެއްޗެސަށް މި އޮންނަނީ. މީހުން އުފުލާ ދޯނި ފަހަރުގައި ގޭސް އުފުލުމަކީ މަނާ ކަމެއް ކަމުން އެހެން ދޯނި ފަހަރަކަށް ގޭހެއް ނާރުވަން" ސަލާމް އިތުރަށް ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީގައި ހަމައެކަނި ކެއްކުމަށް ބޭނުންކުރަމުންދަނީ މޯލްޑިވް ގޭހެވެ. ކުޅުދުއްފުއްޓަށް ގެންނަ ގޭހުގެ ބޮޑުބައެއް ރަށުގެ އިތުރު ތިން އަތޮޅުގެ ގިނަ ރަށްތަކަކަށްވެސް ފޮނުވަ އެވެ.