ރާއްޖޭއިން އަލަށް ފެނުން ކަނޑުލުގެ ބާވަތަށް، ކެލާއަށް ނިސްބަތްކޮށް "ކެލަވަކި" ނަމުން ނަންދީފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން މި ގަސް ފުރަތަމަ ފެނިފައިވަނީ ކެލައިން ކަމަށް ބުނި ނަމަވެސް އުތުރުގެ އެހެން ބަައެއް ކަނޑޫފާތަކުން މިބާވަތުގެ ގަސް ވަނީ މީގެ އަހަރުތަކެއް ކުރިންވެސް ފެނިފަ އެވެ. އެ ގޮތުން ކުޅުދުއްފުށީ ކުޅިން މީގެ ގަސް ފެނިގެން އެ އިރުވެސް ތިމާވެއްޓަށް މަސައްކަތްކުރާ މީހުން މިނިސްޓްރީގެ ސަމާލުކަމަށް ވަނީ މިކަން ގެނެސްފަ އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓްއިން އިއްޔެ ބުނެފައި ވަނީ ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބިރުގެރިއާ ހެނެސީ" ރާއްޖެއިން އަލަށް ފެނިފައިވާ މި ކަނޑޫ ގަސްތަކަށް ހއ. ކެލާ އަށް ނިސްބަތްކޮށް "ކެލަވަކި" މިނަން ދީފައިވާ ކަމަށެވެ. އަދި މިނަން ފާސްކޮށްފައި ވަނީ ދިވެހި ބަހުގެ އެކަޑަމީއިންކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ގަހުގެ ނަން ކެލާއަށް ނިސްބަތް ކޮށް ކިޔަން ނިންމީ، އެ ރަށުގެ ކަނޑޫފަލުން މީގެ 4 ގަސް ފެނިފައިވާތީއެވެ. އަދި މިގަސްތަށް ފެނިފައިވާކަން މިނިސްޓްރީން ހާމަކޮށްފައިވަނީ މި މަހު ކުރީކޮޅު އެވެ.
މިނިސްޓްރީން ބުނީ ކެލާއިން މި ބާވަތުގެ ކަނޑޫ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މި ބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ މި އަހަރުގެ މާރޗު މަހު އެ ރަށު ކަނޑޫފާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާރވޭއެއްގައި ކަމަށެވެ.
އެ މިނިސްޓްރީއިން ކުރި ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ މި ބާވަތުގެ ފޯދިފައިވާ އެންމެ 200 ގަހެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިގެން ހިނގައި ދާނެ ކަމުގެ ބިރު ހީވެފައިވާ ދެ ބާވަތުގެ ތެރެއިން އެއް ބާވަތުގެ ގަހެވެ.
ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ ކަނޑޫ ގަސް ރެކޯޑް ކުރެވިފައެވެ. އަދި އަލަށް ފެނިގެން ދިޔަ މި ބާވަތާ އެކު ދިވެހިރާއްޖެއިން މުޅި އެކު 15 ބާވަތުގެ ކަނޑޫ ގަސް މިހާރު ވަނީ ފެނިފައެވެ.