ހދ. އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގައި ކުޅުދުއްފުށީ އުތުރު ދާއިރާއިން ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި މިއަދު ގުރުއަތު ނަގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާ އިން އިންތިހާބުގައި ވާދަކުރަނީ ޑީއާރުޕީގެ ކެންޑިޑޭޓް ކުޅުދުއްފުށީ ވޭވްސް އާދަމް މަސްޢޫދު މޫސާ އާއި އެމްޑީޕީގެ ކެންޑިޑޭޓް ކުޅުދުއްފުށީ، އިރަމާގޭ ނަޞްރުﷲ އިސްމާއިލް އެވެ.
ޖޫން މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަންދެން ހދ. އަތޮޅު ކައުންސިލްގެ އިދާރާ އިން ޝަކުވާތައް ބަލައިގަންނާނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
މި އިންތިހާބުގައި ބައިވެރިވުމަށް ކުރިން އެމްޑީޕީގެ ދެ މެމްބަރަކު އިލެކްޝަނަށް ނަން ހުށަހަޅާފައިވެއެވެ. އެހެންމަވެސް ބުރާސްފަތި ދުވަހު އެމްޑީޕީ އިން ކުރިމަތިލީ ދެ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައި، ބައި އިލެކްޝަންގައި ވާދަކުރަން ފެންނަ ކެންޑިޑޭޓަކީ ނަޞްރުﷲ ކަމަށް އެޕާޓީގެ މެމްބަރުން ނިންމެވުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމަށް ކުރިން ނަން ހުށަހަޅާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް ކުޅުދުއްފުށީ ސީނިއާޒު އާދަމް ޝަރީފް ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.
ހދ. އަތޮޅު ކައުންސިލްގައި ބައި އިލެކްޝަނެއް ބާއްވަން ނިންމީ ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރެއްވި އެމްޑީޕީ މެމްބަރު އަލީ ނިފާޒު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް ނެގި ގުރުއަތުން ކެނޑިޑޭޓް ނަންބަރ އެކެއް ލިބިފައިވަނީ ނަޞްރުﷲ އަށެވެ. ޑީއާރުޕީގެ ކެނޑިޑޭޓް އާދަމް މަސްއޫދަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.