ބީއެމްއެލްއިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފި އެވެ.
މަހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި ތަނަކީ މަސްކަނޑަން ފަސޭހަވާނެ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސް ކަނޑަން ތިބެވޭނެ ކަމަށާއި ދުވާލާއި ރޭގަނޑު ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން ސާފު ފެން ލިބޭނެހެން އިސްކުރު ހަރުކޮށް ތަކެތި ރައްކާކުރުވޭނެ ގުދަނެއް ވެސް ހުންނާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ހާއްސަ މަސްކަނޑާ ތަނެއް ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑަށް މިހާތަނަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ވަރަށް ތަފާތު ޕްރޮޕޯސަލެއް ކަމަށެވެ. އަދި މި ޕްރޮޕޯސަލަކީ އެ ރަށުގެ ރައްޔިތުންނަށް މަސް ކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހެޅި ޕްރޮޕޯސަލެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް. ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ސައީދު ވިދާޅުވި އެވެ.
ޕްރޮޖެކްޓް ކާމިޔާބު ކުރި އެމްސީއެފް ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ވިދާޅުވީ މީގެ ކުރިން ހޮޅުދޫ ރައްޔިތުން މަސްކަނޑަން ބޭނުންކުރީ ބަނދަރުމަތީގައި ހުންނަ ބާ މޭޒެއް ކަމަށެވެ.
"ވަރަށް ގިނަ ދަތިތަކާ ކުރިމަތީވޭ މަސްވެރިންނަށް މިކަމުގެ ސަބަބުން. މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި، މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް." އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުން ތިން ފިޔަވައްސަކަށް ވަނީ ބަހާލާފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވާފަ އެވެ.
ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވަން ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.