އެތަކެއް އަހަރުތަކެއް ވަންދެން ސާފުނުކޮށް، ދޫކޮށްލާފައިވާ އޮޑިއެހެލާ ސަރަހައްދު ސާފުކޮށް، އެ ސަރަހައްދުގައި އެހެލާފައިވާ އޮޑިފަހަރު ބަނދަރު އުސޫލުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުޅުދުއްފުށީ ކައުންސިލުން ފަށައިފި އެވެ.
އޮޑިއެހެލުމާއި އެކަމާ ގުޅުން ހުރި އުސޫލު ހަދާފައިވީނަމަވެސް އެކަން އެންމެ އެދެވޭގޮތުގައި ތަންފީޒުކުރުމުން ނުދިޔުމުގެ ސަބަބުން ހުއްދަނެތި އޮޑިފަހަރު އެހެލައި އުސޫލާ ހިލާފަށް ތަކެތި ބަހައްޓަމުންދާތާ ވަނީ އެތަކެއް އަހަރުތަކެއްވެފަ އެވެ. އެހެންވެ އެސަރަހައްދުގެ ރީތިކަން ގެއްލި މުޅި ސަރަހައްދުވަނީ ގޮނޑެއްހެންވެފަ އެވެ.
އޮޑިއެހެލާ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް މީގެ ދުވަސްތަކެއް ކުރިން ފަށައިގެން ކުރިއަށްދާއިރު އެ ސަރަހައްދުގައި ހުއްދަނެތި ބަހައްޓާފައި ހުރި މުދާތައް ނަގައި ގަވައިދާ އެއްގޮތަށް ތަން ހަމަޔަކަށް އެޅުވުމަށް ކައުންސިލުން އިއްޔެ ވަނީ އަންގާފަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ބަނދަރާއި އޮޑިއެހެލާ ސަރަހައްދު، އަދި އެތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އޮޑިދޯނި ފަހާރާ އެހެނިހެން މުދަލާއި ތަކެތީގެ ވެރިފަރާތުން އެ ތަކެތި ނެގުމަށާއި އެސަރަހައްދުތަކުގައި އެއްވެސް މުދަލެއް ބަހައްޓާފައިވާ ފާރާތެއްވާނަމަ މިމަހު 19 ވަނަ ދުވަހުގެ ނިޔަލަށް ތަކެތި ނަގައި ތަން ސާފުކުރުމަށް އަންގާ ކަމަށާއި މި މުއްދަތުގެ ތެރޭގައި ވެރިއަކު ނޭނގޭ މުދަލާއި އޮޑިދޯނިފަހަރު އެސަރަހައްދުން ނަގައި ނައްތާލެވޭނެކަމަށެވެ.
އަދި އެއިދާރާއަށް އެންގުމަކާ ނުލައި އެހެލާފައިވާ އޮޑިދޯނި ފަހަރުގެ ވެރިފަރާތްތަކުން އެކަމަށް ކަނޑައަޅިފައިވާ އުސޫލުތަކާއި އެއްގޮތައް ފޯމު ހުށައަޅާމިފަދަ އުޅަނދުތަކުގެ މައުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލާ ހިއްސާކޮށް އޮޑިދޯނި ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންތައް ކުރުމަށްވެސް ކައުންސިލުން ވަނީ އަންގާފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ ބަނދަރު ސަރަހައްދުގައި ހުރި ވެރިޔަކު ނޭނގޭ ބައެއް ސާމާނުތައް މިއަދު ނަގައި ނައްތާލަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޕަބުލިކް ވޯކްސްގެ އެހީތެރިކަމާއެކު އެތަނުގައި އޮތް ވެރިޔަކު ނޭނގޭ ވިރާނާވެފައިވާ ކުޑަ ދޯނިގަނޑަކާއި ކުނިއަޅާ ބަހައްޓާފައި ހުރި ޖަންބޯ ގޯންޏެއް ނަގާފައިވެ އެވެ.
ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި އެ އެއްޗެއްގެ ވެރިންނަށް ނަގަން ކައުންސިލުން އަންގާފައިވާއިރު އެ ވެރިން ނޭނގޭ ތަކެތިވެސް އެތަނުގައި އެބަހުއްޓެވެ. އަދި އެތަކެތީގެ ވެރިން ވީހާވެސް އަވަހަކަށް ކައުންސިލަށް އެކަން އަންގައި އުސޫލުގެ ތެރެއިން ތަކެތި ބެހައްޓައި އޮޑިއެހެލުމުގެ ކަންކަންކުރިއަށް ގެންދިޔުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ.