މި ސަރުކާރަށް އަދި އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި ހޯރަފުށީ އެއާޕޯޓްގެ މަސައްކަތްވެސް ފެއްޓެވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއެކު ހުޅުވި ހޯރަފުށީ އެއާޕޯޓުގެ ހިދުމަތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބުމަކީ އުފާވެރި ކަމެއް ކަމަށެވެ. އަދި އެ އެއާޕޯޓަކީ މި ސަރުކާރުން އެޅި އެއާޕޯޓެކޭ ބުންޏަސް ގަބޫލު ނުކުރެވޭނެ ކަމަށާއި މި ސަރުކާރަށް އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމި، މި މަހު 16 ވަނަ ދުވަހު އެ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓެއްވެސް ވަނީ ޖައްސާފަ އެވެ. އެއާޕޯޓް ހުޅުވުން ރަސްމީކޮށް ބާއްވަން ތާވަލް ކުރި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މާދަމާއަށް ވަނީ ފަސްކުރެވިފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހަމަޖައްސާފައި އޮތީ ހޯރަފުށީ އެއާޕޯޓު އެ އަތޮޅު މާފިނޮޅުން ބިން ހިއްކައިގެން އެޅުމަަށެވެ. އެއީ މާލެ ސަރަހައްދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަކި ރަށެއްގައި އޮންނަ ގޮތަށް އެއާޕޯޓެއް އެޅުމަށްޓަކަ އެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް، ހޯރަފުށީގެ ފަޅު ހިއްކައިގެން އެއާޕޯޓު އަޅަން ނިންމީ މި ސަރުކާރުންނެވެ.