ތެދުބަހުން ވާހަކަ ދައްކާކަމުގައިވާނަމަ ތާ އަބަދު ރައީސް ޔާމީން ކަންތައް ނުކޮށްދިނީޔޭ ނުކިޔޭނެކަމަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިހެން ވިދާޅުވީ، ރޭ ކުރިއަށްދިޔަ 2021 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތާމެދު ފާޑުވިދާޅުވެ ރައްޔިތުން މަޖިލީހުގެ މި ދައުރުގެ 19 ވަނަ ޖަލްސާގައި، އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޔާސިރު ވިދާޅުވީ 2013 ގެ ވެރިކަން ބަދަލުކުރީ އެއްވެސް ކަމެއް ނުވެގެން ކަމަށާއި އެބޭފުޅުންގެ ޕޮލިސީވެސް ރައްޔިތުންނަށް ކަމުނުދާތީ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ބައެއް މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް އެދިލެއްވި އެވެ.
ފާއިތުވި 2 އަހަރުތެރޭ ކާމިޔާބުވި ބައެއް ކަންކަން ފާހަގަ ކުރައްވާ ޔާސިރު ވިދާޅުވީ މިވަގުތު ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ތައުލީމު ކުރިއަރުވާ ޒުވާނުންނަށް އިންވެސްޓް ކުރުން ކަމަށާއި އެކަމަށް މިވަގުތު ކުރެވޭ އެންމެ މުހިއްމު ކަމަކީ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެނެވުނު އިންގިލާބު ފާހަގަކޮށްލަން ޖެހޭ ކަމަށާއި އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބިފައިވާ ކުރިއެރުންތައް ޔާސިރު ފާހަގަ ކުރެއްވި އެވެ.
2020 ވަނަ އަހަރަށް 1،670،000 (ސަތޭހަ ފަސްދޮޅަސް ހަތް މިލިއަން) ރުފިޔާ ހަމަޖެހިގެން ދިޔަ ނަމަވެސް މި އަހަރަކީ ދަތި އަހަރެއްކަން އެންމެންވެސް ގަބޫލުކުރާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. ނަަމަވެސް ދަތީގެ ތެރެއިންވެސް އުތުރުގެ ރައްޔިތުންނަށްޓަކައި ކޮޗިން ފެރީ ފަށާ އަދި ސަރަހައްދީ ބަނދަރުތަކަށް ގެންނަ ތަކެތީގެ 50 އިންސަތައް ޑިއުޓީ އުނިކުރެވޭނެ ގޮތްވެސް ހަމަޖެހިގެން ދިޔަކަމަށެވެ.
2021 ބަޖެޓަށް އަލިއަޅުވާ ލައްވާ ޔާސިރު ވިދާޅުވީ މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް ކުޅުދުއްފުށީ އެއާޕޯޓަށް ބާވީސް މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަމަށާއި އެއްތަނެއް އެއްގޮތަކަށް އޮންނަކަން ނޭނގުން އެއީ ވަރަށް ދެރަކަމެއް ކަމަށާއި އަދި ވަޒީރުން އައްޔަން ކުރަނީ ވަކި ރަށަކަށް ތޯ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ ވަޒީރުން އަޅުގަނޑުމެން އައްޔަނުކުރަނީ ވަކި ރަށަކަށް ތޯ. އަޅުގަނޑު ގަބޫލުކުރަނީ ވަޒީރުން އައްޔަނުކުރަނީ ވަކި ރަށަކަށް ނޫން. މުޅި ދިވެހިރާއްޖެއަށް ވަޒީރުން އައްޔަންކުރަނީ. އެހެންވީމަ އެ އެތަނެއް ހަމަ އެއްގޮތަކަށްވެސް އޮންނަކަން ނޭނގި ދިޔާމަކާއެއް ކަމަކުނުދާނެ. ރައީސުލް ޖުމްހޫރިއްޔާ ވަޒީރުން އައްޔަނުކުރަނީ މުޅި ދިވެހިރާއްޖެއަށް ހިދުމަތްކުރަން." ޔާސިރު ވިދާޅުވި އެވެ.
މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ އަހަރު ތަރައްގީ ކުރުމުގެ ވާހަކަ ދެކެވޭއިރު ހދ އަތޮޅުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ޔާސިރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ހދ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމް ކުރިކަމުގައި ވިއަސް އެތަނުގައި ބެޑްސް ނެތިއްޔާ އޭގެ ކުރާނެ މަންފާއެއް ނޯންނާނެ. މިވަގުތު އަޅުގަނޑުމެން އެބަ ޖެހޭ އެއާޕޯޓެއް ތަރައްގީކޮށް ނިމެން ވާއިރަށް ބޭނުން ވާވަރަށް އެނދު އެތަނުގައި ތަރައްގީ ކުރަން". ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ފަތުރުވެރިކަމަށް ރަށްތައް ދުކޮށްލާއިރު އެންމެ ބޮޑު އެކުއިޝަން އަގެއް ހުށަހަޅާ ފަރާތްތަކަށް ރަށް ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިންނަށް އެ ރަށްތައް ލިބޭނެ ގޮތަކަށް އެބަޖޭ ހަދަން. އެންމެ ބޮޑު އެކުއިޝަން ކޯސްޓް ދޭ ބަޔަކަށް ރަށް ދިނީމަ މުޅިންވެސް ދުނިޔޭގެ ބޮޑު ސިންގާ މުންސައްޖެއް އައިސް އިންވެސްޓްކުރަނީ. އަޅުގަނޑުމެންނަށް އެއިން ލިބޭ މަންފާ ކުޑަވޭ." ޔާސިރު ވިދާޅުވި އެވެ.
ބަޖެޓުގައި މަސްވެރިކަމަށް ހުރި ޕްރޮޖެކްޓުތަކަށް އަލި އަލުވާލައްވައި ޔާސިރު ވިދާޅުވީ އުތުރުގެ މަސްވެރިކަމަށް ކުރިއެރުން ލިބޭނެ މަގެއް ބަޖެޓުން ފަހިވެފައިނުވާ ކަމަށާއި އެކަމަށް ފުރުސަތު ފަހިކޮށްދިނުމަށް ޔާސިރު އެދިލެއްވި އެވެ. އަދި މަސްވެރިކަމުގެ ކަންކަންކަމަށް ސައުދީ ފަންޑުން ލޯނެއް ނަގައިގެން މަސައްކަތް ކުރެވެމުން ދާއިރު އުތުރުގެ މަސްވެރިންނަށް ދާއިމީކޮށް މަސްކިރޭނެގޮތެއް ގާއިމްކޮށްދިނުމަށްވެސް ޔާސިރު އެދިލެއްވި އެވެ.
ޔާސިރު ދެން ފާހަގަ ކުރެއްވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ. މި މައްސަލައާއި ބެހޭގޮތުން ދެ ވަޒީރަކާއި ތިން ފަހަރެއްގެ މަތިން ސުވާލު ކުރެވުނު ކަމަށާއި ބަހުސް ގެ ތެރެއިން ވެސް އެކަމަށާއި ވާހަކަ ދެއްކިފައިވާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރެވެން ފެށުނު ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިމިފައިނުވާއިރު އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށް ދަނީ ހަމައެކަނި 40 ހައުސިން ޔުނިޓުގައި ކަމަށާއި، މިމަހުގެ ތެރޭގައި އެތަނަށް މީހުންނަށް ވަދެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް 2008 ފަށައި 2011 ނިންމަން ހުރި މަޝްރޫއުތަށް މިހާތަނަށް ނިމެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.
"ތެދު ބަހުން އަޅުގަނޑު ވާހަކަ ދައްކާކަމުގައިވަންޏާ ތާއަބަދަކު އަޅުގަނޑަކަށް ރައީސް ޔާމީން ކަންތައް ނުކޮށްދިނީއެކޭ ނުކިޔޭނެ. ފަސް އަހަރު 7 އަހަރު އެބޭފުޅުން އެއްވެސް ވަރަކަށް (ކުޅުދުއްފުށީގެ ހައުންސިން މަޝްރޫއު) އަޅާނުލާ ދޫކޮށްލެވީ. އަޅުގަނޑުމެންގެ ވެރިކަމަށް ދެ އަހަރުވެގެންދާއިރުގައި 2011 ގައި ފަށާ ނިންމެހުރި މަސައްކަތް އަލުން ފެށެން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއީ އިސްކަންދޭ ޖެހޭނެކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. ޓާފް ދަނޑަކަށްވުރެ މިމަސައްކަތް އަޅުގަނޑަށް މުހިންމު. މިއީކީ އަލަށް ފަށާ ޕްރޮޖެކްޓެއް ނޫން." ޔާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅުދުއްފުށީގައި ނުނިންމަ ވީރާނާވާން ދޫކޮށްލާފައި ހުރި ހައުންސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެވެ.
ކުޅުދުއްފުއްޓަކީ އިގްތިސާދީގޮތުން ހަނި ފުރުސަތުތައް ހުރި ރަށެއްކަން ފާހަގަ ކުރައްވާ ޔާސިރު ވިދާޅުވީ ރަށުގެ ރައްޔިތުންނަށްގެ ސިނާއި މަސައްކަތައް ކުރަން، ދަނޑުވެރިކަން ކުރެވޭނެ ރަށެއްގެ ގޮތުގައި ހދ ކުނބުރުދޫ ވެގެން ދިއުމަކީ އުންމީދެއް ކަމަށެވެ. އަދި ދަނޑުވެރިންނަށް ސަބްސިޑީ ލިބެން ޖެހޭ ކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.