twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ޙަޟާނަތުގެ މުއްދަތު ހަމަވީތޯއެވެ؟

Nov 19, 2020

ކޯޓުން ކަނޑައަޅާފައިވާ ކުއްޖާގެ ޙަޟާނަތުގެ މުއްދަތު ހަމަވީތޯއެވެ؟ ނުވަތަ ކުއްޖާގެ ބެލުމާއި ހަވާލުވުމަށް ބޭނުންވަނީތޯއެވެ؟ ޙަޟާނަތުގެ މުއްދަތު ހަމަވުމުން، ޙަޟާނަތުގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ކުއްޖާގެ ބެލުމާއި ހަވާލުވުމަށް އެދި ކުއްޖާގެ މަސްލަޙަތު އޮންނަ ކޮންމެ ފަރާތަކަށްވެސް ކޯޓުގައި އެދުމުގެ ފުރުސަތުވަނީ، ޤާނޫން ފަހިކޮށްދީފައެވެ. ވީމާ މިކަން ޤާނޫނުން ފަހިކޮށްދީފައިވަނީ ކިހިނެއްތޯ ބަލާލަމާތޯއެވެ.

ޙަޟާނަތުގެ މުއްދަތު

ޙަޟާނަތު ހަވާލުކުރެވޭ މީހާއަށް ކުއްޖާގެ ޙަޟާނަތު އޮންނާނީ، އެކުއްޖެއްގެ އުމުރުން ހިޖުރީގޮތުން 7 އަހަރު ފުރެންދެނެވެ. ނަމަވެސް ޙަޟާނަތު ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ، އަންހެން ކުއްޖާގެ އުމުރުން ހިޖުރީގޮތުން 11 އަހަރު ފުރެންދެން، އަދި ފިރިހެން ކުއްޖާގެ އުމުރުން ހިޖުރީގޮތުން 9 އަހަރު ފުރެންދެން ކުއްޖާގެ ޙަޟާނަތު އެމީހަކާއި ހަވާލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ކޯޓަށް ހުށަހެޅުން

ޙަޟާނަތުގެ މުއްދަތު ނިމުމުން އެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓުގައި އެދުމުގެ ފުރުސަތު، އެކުއްޖެއްގެ ޙަޟާނަތު ހޯދުމުގެ ޙައްޤު އޮންނަ ފަރާތްތަކަށް ލިބިގެންވެއެވެ. މިސާލަކަށް ކޯޓުން އަންހެން ކުއްޖެއްގެ ޙަޟާނަތު ދީފައިވަނީ ކުއްޖާގެ ޢުމުރުން 7 އަހަރު ވަންދެން ކަމުގައިވާނަމަ، ޙަޟާނަތުގެ މުއްދަތު ކުއްޖާއަށް 11 އަހަރު ފުރެންދެން އިތުރުކުރުމަށް އެދެވޭނެއެވެ. އެހެންނަމަވެސް، ކުއްޖާގެ ޙަޟާނަތުގެ މުއްދަތަކީ 11 އަހަރު ވަންދެން ކަމުގައިވާނަމަ، ކުއްޖާއަށް 11 އަހަރުވުމުން ޙަޟާނަތުގެ އުމުރު ހަމަވީއެވެ.

މިގޮތުން ޙަޟާނަތުގެ މުއްދަތު ނިމުމުން ނުވަތަ ޙަޟާނަތުގެ އުމުރު ހަމަވުމުން ކޯޓުން އެހެންގޮތަކަށް އަމުރު ނުކުރާނަމަ، އެކުއްޖެއްގެ މައިންބަފައިންކުރެ، އެކުއްޖަކު އިޚްތިޔާރުކުރާ މީހަކާއެކު ދިރިއުޅުމުގެ ޙައްޤު އެކުއްޖަކަށް ލިބިގެންވެއެވެ. ނަމަވެސް ކުއްޖާގެ ޙަޟާނަތުގެ އުމުރު ހަމަވުމުންވެސް ކޯޓު މެދުވެރިކޮށް ކުއްޖާ މައިންބަފައިންކުރެ ދިރިއުޅޭނީ ކާކުގެ ކައިރީގައިތޯ ނިންމަން ބޭނުންކަމުގައިވާނަމަ، ދެން ކޯޓަށް ހުށަހަޅަންޖެހޭނީ ކުއްޖާގެ ބެލުމާ ހަވާލުވުމުގެ މައްސަލައެކެވެ.

ކުއްޖާގެ މަޞްލަޙަތު

ކުއްޖާގެ ޙަޟާނަތުވެސް އަދި ކުއްޖާގެ ބެލުންވެސް ހަވާލުކުރުމުގައި އިސްކަންދޭންޖެހޭ އަސާސީކަމަކީ، ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތަށެވެ. އެގޮތުން ޙަޟާނަތުގެ އުމުރު ހަމަވެފައިވާ ކުއްޖެއްގެ ބެލުން ހަވާލުކުރާނީ އެކުއްޖަކު އިޚްތިޔާރުކުރާ ފަރާތަކާއިނަމަވެސް، ކުއްޖާއަށް އެންމެ މަޞްލަޙަތުހުރި ފަރާތަކީ ކޮބައިކަން ޔަޤީންކުރާނެއެވެ. މިސާލަކަށް އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކު ބެލުމާ ހަވާލުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި، ކުއްޖާ އިޚްތިޔާރުކުރީ ބައްޕަ ކަމުގައިވީނަމަވެސް، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅީ މަންމައާއިއެކު އުޅުން ކަމުގައިވާނަމަ، ކޯޓުން އެކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައި ނޫނީ މައްސަލައަށް ގޮތެއް ނުނިންމާނެއެވެ.

ބެލުމާ ހަވާލުވުމުގެ ތަރުތީބު

ކުއްޖާގެ ބެލުން ހަވާލުކުރާއިރު، ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން ކުއްޖާގެ މަޞްލަޙަތަށް ބެލުމަށްފަހު ހަވާލުކުރެވިގެން ދާނެއެވެ. އެގޮތުން ކުއްޖާގެ ބެލުން ހަވާލުކުރުމުގައި އިސްކަންދޭނީ، ހަމަ ޙަޟާނަތު ހަވާލުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބަށެވެ.

ނިންމުން

ކުއްޖާގެ ޙަޟާނަތުގެ މުއްދަތު ހަމަވެ، ނުވަތަ އުމުރު ހަމަވުމުން ކުއްޖާގެ ބެލުމާއި ހަވާލުވުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ އެކަމަށް ކޯޓު މެދުވެރިކޮށް ގޮތެއް ނިންމުމަކީ، ކުއްޖާގެ މަޞްލަޙަށްވެސް އަދި ކުއްޖާގެ ޙައްޤުތަށް ރައްކާތެރިކުރުމަށްވެސް އެޅޭ ފިޔަވަޅަށް ވެގެންދާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355