twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން ޓޮޕް ގިއަރ އަދި އަންބަލަން

ނަބީލާ އިސްމާޢީލް
Nov 19, 2020

ދޮށީ އުމުރު ފުރައިގެ މީހުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕްގެ މި އަހަރުގެ މުބާރާތް ކާމިޔާބު ކަމާއި އެކު ރޭގަ ނިންމާލައިފި އެވެ.

2014 ވަނަ އަހަރުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ކުއަންޓަމް ވެޓަރަންސްކަޕް" މެދު ނުކެނޑި ބާއްވަމުން އަންނަތާ މިއީ 7 ވަނަ އަހަރެވެ.

ދެ އުމުރު ފުރާއަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 40 އަހަރުން ދަށުގެ ކެޓަގަރީގައި ބައިވެރިވެފައިވަނީ 6 ޓީމަކުންނެވެ. އެ ހަ ޓީމަކީ ޓީމް އެންޓިކް، ޓޮޕް ގިޔަރ، ޑޯޒް 2.0، ފެމެލީ ބޭކަރީގެ އިތުރުން ޖީ ފޯސް އަދި ބްލެކް ވިޑޯވ އެވެ.

40 އަހަރުން މަތީގެ އުމުރު ފުރާއިން 8 ޓީމް ބައިވެރިވެފައިވާ އިރު އެ ކެޓަގަރީގެ މެޗްތައް ކުޅެވުނީ ދެ ގުރޫޕް ސްޓޭޖް އަކަށް ބަހާލައިގެނެވެ. މި ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ޒަމް ޒަމް، ލެގަޑޯ، ކެފޭ ދި އިޓާލިއާ، ސިޓީ އެކްޕާރޓް، އަންބަލަން، އެފްސީ އަންބަލަންގެ އިތުރުން ވަން ޓަޗް އަދި ބައުންޓީ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ކުރިން މުބާރާތް ބާއްވަން ތާވަލް ކޮށްފައި އޮތް ދުވަސް ފަސްކުރެވި މުބާރާތް ފަށާފައިވަނީ މި މަހު އެއްވަނަ ދުވަހު އެވެ.

ފައިނަލް މެޗުގައި 40 އަހަރުން މަތީގެ ކެޓަގަރީގައި އެފްސީ އަނބު އަދި އަންބަލަން ބައްދަލުކޮށް 1-2 އަކުން މުބާރާތް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އަންބަލަން ޓީމެވެ.

މި ކެޓަގަރީގެ ފައިނަލް މެޗުގެ މެން އޮފް ދަ މެޗަކަށް ހޮވުނީ އަންބަލަންގެ އަހުމަދު އާދަމް އެވެ. އަދި މިކެޓަގަރީން އެންމެ މޮޅު ކީޕަރަކަށް އެފްސީ އަނބުގެ އަދާމް މުހައްމަދު ހޮވިފައިވާއިރު 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒަމްޒަމްގެ އަލީ ރަޝީދެވެ. އަދި 50 އަހަރުން މަތީގެ އެންމެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ އަންބަލަންގެ އަހުމަދު އާދަމް އެވެ.

45 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުން ތެރިންނަށް ހޮވިފައިވަނީ:

  • ޓީމް އަންބަލަން – އާދަމް މުހައްމަދު
  • ޓީމް އަންބަލަން – މުހައްމަދު އަބްދުލް ރަހީމް
  • އެފްސީ އަނބު – އަސްލަމް މުހައްމަދު
  • ޒަމްޒަމް – އަހުމަދު ނައީމް
  • ކެފޭ ދި އިޓަލިއަން – އަހުމަދު ހުސައިން

މި ކެޓަގަރީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަންބަލަންގެ އާދަމް މުހައްމަދެވެ. އޭނާ ވަނީ 9 ގޯލް ކާމިޔާބު ކޮށްފަ އެވެ.

ފައިނަލް މެޗުގެ 40 އަހަރުން ދަށުގެ ކެޓަގަރީގައި ފެމެލީ ބޭކަރީ އާއި ޓޮޕްގިޔަރ ބައްދަލުކޮށް އެއްވަރުމުން ޕެނަލްޓީ ޖަހައިގެން 8-7 މުބާރާތް ކާމިޔާބުކޮށް ޗެމްޕިއަންކަން ހާސިލް ކުރީ ޓޮޕް ގިއަރ އެވެ.
40 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލް މެޗުގެ މެން އޮފް ދަ މެޗްގެ އިތުރުން އެންމެ މޮޅު ކީޕަރަށް ހޮވިފައިވަނީ ފެމެލީ ބޭކަރީގެ އަސްލަމް އިބްރާހިމް އެވެ.

މި ކެޓަގަރީގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ގޮތުގައި ދެ ކުޅުންތެރިން ވަނީ ހޮވިފަ އެވެ. އެއީ ޑޯޒް 2.0 ގެ އަލީ އާދަމް އާއި ފެމެލީ ބޭކަރީގެ އަބްދުﷲ އަލީ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސްވަނީ 13 ގޯލް ޖަހާފަ އެވެ.

40 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:

  • ޓޮޕް ގިއަރ – މުހައްމަދު އާދަމް( ޖ 7 )
  • ޓޮޕް ގިއަރ – އަލީ ފިރާގު އިބްރާހިމް
  • ޓޮޕް ގިއަރ – މުހައްމަދު އާދަމް ( ޖ 17 )
  • ފެމެލީ ބޭކަރީގެ – އަބްދުﷲ އަލީ
  • ޓީމް އެންޓެކް – އަސްވަދު ރަޝީދު

ދެ ކެޓަގަރީންވެސް ޗެމްޕިއަން ޓީމަށް މެޑަލް އާއި ވާދައިގެ ތަށި އަދި ވަނަ ވަނަ އަށް ދިޔަ ފަރާތް ތަކަށް ޓްރޮފީ ވަނީ ހަވާލުކޮށްފަ އެވެ.

މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގެ ކަންތައް ކުރިއަށްގެންދިޔައީ ކުޅުދުއްފުށީ ވެޓަރަންސް ޓީމްގެ ފަރާތުންނެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުޅިވަރު ސާމާނު ވިއްކާ "ދަ ޑަބްލިއު ސްޕޯޓްސް" އިން ވަރަށް ހާއްސަ އެހީތެރިކަމެއް ލިބުނު ކަމަށް ކުއަންޓަމް އިން ވަނީ ފާހަގަ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355