ލިޔުނީ: މުހައްމަދު އިސްމާއިލް
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގުމުގެ ތުހުމަތުގައި ކުޅުދުއްފުށީގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަނިޔާ ލިބުނު ކުޑަކުއްޖާގެ ބެލެނިވެރިއެއް ވިދާޅުވީ، އިއްޔެ ހެނދުނު ގާތްގަނޑަކަށް 10 ޖަހާ އެހާކަންހާއިރު އެކުއްޖާ ސްކޫލުން އައިސް ކޮމްޕިޔުޓަރު ކައިރީ އިންދާ އެގެއަށް ވަތް މީހަކު އެކުއްޖާއާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ޖަލާލުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އެކުޑަކުއްޖާ އަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެކަމާގުޅިގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.
އިއްޔެ އެކުޑަކުއްޖާއާ ބެހުނު މީހަކީ އެގެއަށް މީހަކު ގޮވައިގެން އައި ޓެކްސީއެއްގެ ޑްރައިވަރުކަމަށް މައުލޫމާތު ލިބެއެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރަކީ އެކުޑަކުއްޖާއާއި އާއިލީގޮތުން ގުޅުންހުރި ފަރާތެއްކަމަށްވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، 39 އަހަރުގެ ފިރިހެނަކު 15 އަހަރުގެ ކުއްޖަކާ ގަދަކަމުން ބެހެން އުޅުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާތީ އެމައްސަލަ މިހާރު އިތުރަށް ބަލަމުންދާކަމަށެވެ. އިތުރު މައުލޫމާތު ތަހުގީގު ހިނގަމުންދާތީ ހަމަކުރެވެން ނެތްކަމަށާއި އެހެންމަވަވެސް އެ ފިރިހެންމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.