twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ޖިނާޢީ މައްސަލަތަކުގައި އެކުލެވިގެންވާ މަރުޙަލާތައް އެނގޭތަ؟

Dec 3, 2020

ޖިނާޢީ މައްސަލަތަކުގައި، ތުޙުމަތުކުރެވޭ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ތަޙުޤީޤްތައް ކުރިއަށްގެންގޮސް، ދަޢުވާ އުފުލުމާއި އަދި އެ ދަޢުވާގެ ޝަރީޢަތްތައް އިންސާފުވެރިކަމާއި އަދި އަވަސްމިނުގައި ގެންގޮސް، ޙުކުމަކަށް ވާޞިލުވުމާއި ދެމެދު އެތައް މަރުޙަލާއެއްވެއެވެ. އަދި މި މަރުޙަލާތައް އަވަހަށް ކުރިއަށް ގެންދެވެން އަންނާނީ އެ މަރުޙަލާތަކަކީ ކޮބައިކަން އެނގި، އެ މަރުޙަލާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުންވެސް ދީގެންނެވެ. މިގޮތުން ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރެވޭ މަރުޙަލާތަކަށް ބަލާލަމާތޯއެވެ.

ތަޙުޤީޤް މަރުޙަލާ

ތަޙުޤީޤް މަރުޙަލާއަކީ ޖިނާޢީ މައްސަލައެއް ތަޙުޤީޤްކުރާ ފަރާތަކަށް، މިސާލަކަށް ޕޮލިހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައިގާ ކަންހިނގާފައިވާ ގޮތް ބަލައި، ތުޙުމަތުކުރެވޭ މީހެއްގެ މައްޗަށް އެ ތުޙުމަތުކުރެވޭ ކަމަކަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް، މަސައްކަތް ކުރާ މަރުޙަލާއެވެ. މި މަރުޙަލާގައި، ކުށެއްގެ ތުޙުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމާއި، ބަންދުކުރުމާއި، ހެއްކާއި ޤަރީނާ ހޯދުމަށް ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި، މުދާ ހިފެހެއްޓުމާއި އަދި ހެކިވެރިންގެ ހެކިބަސް ނެގުން ކުރިއަށްދާނެއެވެ.

ތަޙުޤީޤް މަރުޙަލާ ނިމިގެންދާނީ، ތަޙުޤީޤްކުރާ ފަރާތަށް އެ މައްސަލައަކާއި ގުޅިގެން ހޯދޭ ހުރިހާ ހެއްކާއި ޤަރީނާއާއިއެކު، އެ ތުޙުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް، އެ މައްސަލައެއްގެ ތަޙުޤީޤް ފުރިހަމަކުރަން އޮތް މުއްދަތުގެ ތެރޭގައި ތަޙުޤީޤްކޮށް ނިންމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

އެހެންނަމަވެސް ތަޙުޤީޤް މަރުޙަލާގައިވެސް، ތުޙުމަތުކުރެވޭ ފަރާތެއް ހައްޔަރު ކުރެވޭ ޙާލަތުގައި އެފަރާތެއް ޝަރީޢަތަށް ޙާޟިރު ކުރެވިދާނެއެވެ. އެ ޝަރީޢަތުގެ މަޖިލިސް ވެގެންދާނީ، ހަމައެކަނި އެފަރާތެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލީހަކަށެވެ. ޢާންމުގޮތެއްގައި "މުއްދަތު މަޖިލިސް" އޭ ކިޔެނީ މި ޝަރީޢަތުގެ މަޖިލީހަށެވެ.

ދަޢުވާކުރުމުގެ މަރުޙަލާ

ދަޢުވާކުރުމަކީ، ޖިނާޢީ ކުށެއް ކުރިކަމުގެ ތުޙުމަތުކުރެވޭ މީހަކު އެ ކުށްކުރިކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި، އެކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މައްޗަށް އެ ކުށުގެ ޖިނާޢީ ދަޢުވާ އުފުލުމެވެ. އެގޮތުން، ހުރިހާ ޖިނާޢީ މައްސަލަތަކެއްވެސް، ތަޙުޤީޤްކޮށް ނިންމާފައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުން، ކުރެވިފައިވާ ތުޙުމަތުތަކުގެ ތެރެއިން ހެއްކާއި ޤަރީނާއަށް ބެލުމަށްފަހު، ދަޢުވާކުރެވޭނެ ތުޙުމަތުތަކަށް ޝަރީޢަތަށް ދަޢުވާ ހުށަހެޅިގެންދާނެއެވެ.

ޝަރީޢަތުގެ މަރުޙަލާ

ދަޢުލަތުގެ ފަރާތުން ފުރަތަމަ މަރުޙަލާގެ ޖިނާޢީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް މައްސަލަ ހުށަހެޅުމުން، މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ބޭއްވޭނެއެވެ. އަދި މި އަޑުއެހުމުގައި ދަޢުވާއާއިގެން ކުރިއަށްދެވޭނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ޝަރީޢަތް ހިންގޭނެއެވެ. އެގޮތުން، އިޢުތިރާފްވާ ޙާލަތްތަކުގައި އެ މައްސަލައެއްގެ ޝަރީޢަތް އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ނިންމޭނެއެވެ. އަދި ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެމީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށްތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމާއި، އިތުރު ހެއްކާއި ޤަރީނާ ވަޒަންކުރުމަށްފަހު، ޙުކުމްކުރުމާއި އަދި އަދަބު ކަނޑައެޅިގެންދާނެއެވެ.

އިސްތިއުނާފީ މަރުޙަލާ

ޖިނާޢީ މައްސަލަތަކުގައި އިސްތިއުނާފުކުރުމަކީ ޖިނާއީ ދަޢުވާއެއްގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ޙުކުމެއް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް މައްސަލައިގާ ހިމެނޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމެވެ. ނުވަތަ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލައެއް ބަލައި ކަނޑައަޅާ ޙުކުމެއް، އެއިން ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމެވެ.

އެގޮތުން، ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ޤާނޫނު އަސާސީއާއި ނުވަތަ ޝަރުޢީ އުޞޫލަކާއި ނުވަތަ ޤާނޫނަކާއި ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، އެ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނެއެވެ.

ނިންމުން

ޖިނާޢީ މައްސަލަތަކުގައިވާ ހުރިހާ މަރުޙަލާއެއްގައިވެސް ޢަމަލުކުރެވެންވާނީ، ޤާނޫނާއި ޤަވަޢިދާ އެއްގޮތްވާ ގޮތުގެމަތިން، މައްސަލައިގާ ހިމެނޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތުގެމަތިން، އިންސާފުވެރިކަމާއެކު އަވަހަށް މައްސަލަ ނިންމޭނެ ގޮތަށެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355