twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަސް: ކުޅުދުއްފުށި ކަސްޓަމްސްގެ ދަރުމަވެރިން!

Dec 5, 2020

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދަރުމަވެރިންގެ ދުވަހެއެވެ. ދަރުމައަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު 5 ވަނަ ދުވަސް ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރަކީ ދަރުމަވެރިންގެ ޚިދުމަތުގެ މުހިންމުކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔަ އަހަރެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވޭ މަސައްކަތުގައި ދަރުމަވެރިންގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ދަނީ ލިބެމުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކުރެވެމުންދާ މަސައްކަތުގައި ވެސް ދަރުމަވެރިން ޚިދުމަތްތެރިކަން ދަނީ ނުހަނު ބޮޑަށް ފެންނަމުންނެވެ.

މިގޮތުން، މި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ހިންގުނު ހަރަކާތްތަކުގައި ސިޓީގެ އެކިއެކި މުއައްސަސާތަކުންނާއި އާންމުން ތެރެއިން ހިލޭސާބަހަށް މަސައްކަތް ކޮށްދިން ގިނަ ދަރުމަވެރިންތަކެއް ވަނީ ފެނިފައެވެ. މީގެތެރޭގައި ކުޅުދުއްފުށި ކަސްޓަމްސް މުވައްޒަފުންގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށި ކަސްޓަމްސްގެ މުވައްޒަފުން އަބަދުވެސް ފާހަގަކުރެވެނީ ރަށުގައި ހިންގޭ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ކަންކަމުގައި އިސްނަގާ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ އެކުވެރި ބަދަހި ޓީމެއްގެ ގޮތުގައެވެ. ކޯވިޑް-19 އާއި ގުޅިގެން ރަށުގައި ކުރެވުނު މަސައްކަތްތަކުގައި ވެސް ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔައީ މިދެންނެވި ފަދަ އިސްނެގުމާއި ވަރުބަލިކަމެއްނެތް ބައިވެރިވުމެކެވެ.

ކުޅުދުއްފުށި ސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ކޯވިޑް-19 އާއި ގުޅިގެން ކާފިއު ހިންގި ފުރަތަމަ ރަށެވެ. މިގޮތުން އޭޕްރީލް 21 އިން ފެށިގެން މެއި 24 އާއި ހަމަޔަށް ކާފިއު ހިންގާފައިވާއިރު، މި ދުވަސްވަރު، ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމުގައި ކުޅުދުއްފުށި ކަސްޓަމްސްގެ މުވައްޒަފުން ދަރުމަވެރިންގެ ގޮތުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ސޯޝަލް ސަޕޯޓް ޑެސްކުގެ ކޯލު ސެންޓަރުގައި ޑިއުޓީކުރުމާއި، ޑެލިވަރީ ޓީމުގައި ކަސްޓަމްސް މުވައްޒަފުން ހަރަކާތްތެރިވިއެވެ.

ކޯވިޑް-19 ރާއްޖެއިން ފެނުމާއިއެކު، ރާއްޖޭގެ ރަށްރަށުގައި ކޮވިޑާއި ގުޅޭކަންކަން މެނޭޖުކުރުމަށްޓަކައި ސަރުކާރުން އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެރަށްރަށުގައި، އެޗް.ޕީ.އޭގެ އެންގުތަކާއި އެއްގޮތަށް ކޯވިޑު-19 އިން ރައްކާތެރިވުމާއި ގުޅޭ ކަންކަން ރޭވުމާއި، ވިލަރެސްކުރުމާއި އަދި އެރަށަކަށް ހާއްސަވާ ނިންމުންތައް ނިންމުމަށްޓަކައި ރަށު ފެންވަރުގައި ކޮވިޑް ޓާސްކްފޯސްތަކެއް އުފެއްދުމެވެ. މިގޮތުން 1 ފެބްރުވަރީ 2020 ގައި ކުޅުދުއްފުށީގައި ވެސް، އެކިއެކު މުއައްސަސާތަކުގެ ވެރިން ހިމެނޭގޮތަށް ޓާސްކްފޯހެއް އުފެއްދުނެވެ. ކުޅުދުއްފުށި ކޯވިޑް-19 ޓާސްކްފޯހުގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެ، އަދި ޓާސްފޯހުން ނިންމާ ކަންކަން ތަންފީޒުކުރުމުގައި ކުޅުދުއްފުށި ކަސްޓަމްސްގެ ވެރިން އިސް ދައުރެއް އަދާކުރެއްވިއެވެ.

ކުޅުދުއްފުށީ ސިޓީ ލޮކްޑައުން ހާލަތުގަޔާއި ރަށް މޮނިޓަރިންނަށް ލެވޭ ކޮންމެ ފަހަރަކު ރަށަށް އައިސް ގޮސްވާ މީހުންނާއި އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބަނދަރު މޮނީޓަރިން ޑެސްކެއް ވަނީ ގާއިމުކޮށްފައެވެ. ލޮކްޑައުން އަދި މޮނީޓަރިންގައި 24 ގަޑި އިރު ޚިދުމަތްދޭ މި ޑެސްކު ނުވަތަ އޮފީސް ގާއިމުކޮށްފައިވާ 20 ފޫޓު ކޮންޓެއިނަރުގެ އިނިޓީރިއަރ މަސައްކަތް ދަރުމަޔަށް ކޮށްދީފައިވަނީ ކުޅުދުއްފުށީ ކަސްޓަމްސްގެ ހީވާގި މުވައްޒަފުންނެވެ. ކުޅުދުއްފުށި ކައުންސިލުން ތަކެތި ދީގެން ކުރެވުނު މި މަސައްކަތުގެ ތެރޭގައި ކޮންޓެއިނަރ އެތެރޭގައި ފިލާ ޖެހުމާއި ސީލިންކުރުމާއި ކަރަންޓް ވައިރުކުރުމުގެ އިތުރުން އޭސީ ޔުނިޓު ހަރުކުރުމާއި ކުލަލުން ހިމެނެއެވެ. ކުޅުދުއްފުށީ ކަސްޓަމްސްގެ މުވައްޒަފުން ހިލޭސާބަހަށް ކޮށްދީފައިވާ މި މަސައްކަތުގެ ސަބަބުން ބަނދަރު ބެލެހެއްޓުމުގައި ހަރަކަތްތެރިވާ މުއައްސަސާތަކަށް އެތައް ފަސޭހައެއް ލިބިގެން ދާއިރު، ކައުންސިލު ބަޖެޓަށްވެސް ލުއިވެގެން ދާނެކަން ޔަޤީނެވެ.

މި އަހަރު ދަރުމަވެރިންގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ދަރުމަވެރި ޚިދުމަތާ އެކު އެންމެން އެކުގައި ކާމިޔާބަށް ވާސިލުވުން" ހަޤީޤަތަކަށް ހެދިދާނެކަން ކޯވިޑް-19 އިޖާބާގައި ކުޅުދުއްފުށި ކަސްޓަމްސް މުވައްޒަފުން ދެއްކި މިސާލުން މިވަނީ ސާބިތުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355