twitterviber whatsapp telegramfacebookyoutube instagram
17th September 2024

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ނަބީލާ އިސްމާޢީލް
Jul 27, 2024

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިފަދައިން ބުނެފައިވަނީ ފުލުހުންނާއި ކަސްޓަމްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުންނެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސްގެ ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގެންފައިވަނީ އަބޫދާބީ މަގުން ރާއްޖެއައި ޕާކިސްތާނު މީހަކު ރާއްޖެއަށް ގެނައި ލަގެޖަކުން ކަމަށެވެ. އެލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު، ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، 2.21 ކިލޯގެ އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެތަކެތި އަތުލައިގަނެ ތަހުލީލުގެ ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވިއިރު، އެތަކެތީގެ މަގުމަތީގެ އަގު 2،120،000 ރުފިޔާއަށް އަރާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ، އެކަމާއި ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން އެ މައްސަލައާއި ގުޅިގެން ދެ ދިވެހިން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

އަދި އެމީހުންގެ ބަންދާއި މެދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ދީފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، އެ ދެ ދިވެހިންގެ އިތުރުން ވެސް އެ މައްސަލައިގައި އެހެންމީހުންގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355