އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ރަށްރަށުުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންހުޅުވާލައިފިއެެވެ.
އެ މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ހަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތައް މެދުވެރިކޮށް ކަމަށެވެ.
ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް އެމިނިސްޓްރީން ވަނީ ނިންމާފައެވެެ. އަދި ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަށާފައިވާނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅާ ފޯމުގައި ދީފައިވާ މައުލޫމާތު ތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް މިނިސްޓްރީއަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި އަންނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތަކަށް ބާއްވާ ދަނޑުވެރިކަމުގެ މި ޕްރޮގުރާމް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކަށެވެ.
ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަމްރީނު ދިނުމަށް މިހާރުވެސް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.