ކުޅުދުއްފުށީ ސިޓީ ޒޯން ސްޓޭޑިއަމް އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ) ގުޅިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި ހޭންޑްބޯލް މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ފެމެލީ ބޭކާސްގެ ޓީމް ކާމިޔާބު ކޮށްފި އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލި މިމުބާރާތުގައި 16 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން އަަދި ފިރިހެން ކެޓަގަރީންވެސް ފެމެލީ ބޭކާސްގެ ޓީމްތައް ފައިނަލާ ހަމައަށް ދަތުރުކޮށްފައިވަނީ ކުޅެވުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
މިމަހު 01 ން 08 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް އެރީނާ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭގަ އެވެ. އެ ގޮތުން ފުރަތަމަ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ އަންހެން ކެޓަގަރީންނެވެ. މި މެޗުގައި ޓީމް ނޮޅިވަރަމް އަދި ފެމެލީ ބޭކާސް ބައްދަލުކޮށް 09 – 03 މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ފެމެލީ ބޭކާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާސްގެ އާމިނަތު ހިބާ ފައިސަލް އެވެ.
ރޭގެ ދެވަނަ ފައިނަލް މެޗުގައި ފިރިހެން ކެޓަގަރީން ނިއުއޭޖް އެސްސީ އާއި ފެމެލީ ބޭކާސް ބައްދަލުކޮށް 08 – 10 ކުން މެޗު ކާމިޔާބު ކުރީ ފެމެލީ ބޭކާސް އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާސްގެ އަހުމީމް އަލީ އެވެ.
ފައިނަލް މެޗުގައި ޗެމްޕިއަން ޓީމްގެ އިތުރުން ރަނަރަޕް ޓީމަށާއި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ ޓްރޮފީއާއި މޭޑެލް ދީފަ އެވެ. އަދި ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓިމަށް ވަނީ ފައިސާގެ އިނާމުވެސް ހަވާލުކޮށްފަ އެވެ.
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީއާއި މެޑެލްގެ އިތުރުން ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރ އަބްދުއްސަލާމް އިބްރާހިމް، ކުޅުދުއްފުށީ އަފިފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަންގެ އިތުރުން ފެމެލީ ބޭކަރީގެ އޯނަރ ހުސައިން މުހައްމަދެވެ. މީގެ އިތުރުވެސް ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ހެޑް އޮފް ޕަބްލިކް ހެލްތު ކުޅުދުއްފުށި ސަމީނާ މުހައްމަދު، ކުޅުދުއްފުށީ ޓާސްކްފޯސް ފޯކަލް ޕޮއިންޓް ހަދީޖާ ހަސަންވެސް ވަނީ ބައިވެރިވެފައެވެ.
ބީޗް ހޭންޑްބޯލް ފިޔަވައި މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ޑަބްލިއުއެސްއޭއިން ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ކުޅުދުއްފުށިން ބޭރުން ހަމައެކަނި ބައިވެރިވި ނޮޅިވަރަމްގެ އަންހެން ޓީމެކެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން ޑަބްލިއުއެސްއޭ އިން ބުނީ އަންނަ އަހަރު ކުރީކޮޅު ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީޒްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑަބްލިއުއެސްއޭއަކީ ނޭޝަނަލް އަދި ރަށުފެންވަރުގައި ގިނަ މުބާރާތްތަކެއް ރާވައި އިންތިޒާމްކޮށް ކުރިއަށްގެންދާ އެކަޑެމީ އެކެވެ.