ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.
މިއަހަރު މި ޕްރޮގްރާމުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލްގެ ގޮތުގައި ހޮވިފައިވަނީ:
- ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން: އިބްރާހިމް ނިޝާމް އަހުމަދު
- ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން: ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް
- ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން: ވެސްޓް ވިންގްސް އޭދަފުށި
- ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން: ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯޓްސް އެސޯސިއޭޝަން (ކީސާ)
- ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން: ޗިލްޑްރަން އޮފް މޯލްޑިވްސް
- އއ. ބޮޑުފޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން: ރިވަލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
- އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ތަރައްގީކުރުން: އާދަމް އަފްސަލް
- ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން: ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
- ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން: ސާސްޓްރާ ކޮމުއުނިޓީ
- ގދ. ހޯޑެއްދޫގައި ނޭޗާ ޕާކް ތަރައްގީ ކުރުން: ހޯޑެއްދޫ ސްޕޯޓްސް
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު، ގިނަ ޕްރޮޕޯސަލްތަކެއް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ލިބުނު ކަމަށެވެ.
"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ސައީދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލްއިން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގަން މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.