twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓްގެ ނަމުގައި ޒަމާނީ ފެންވަރުގެ އިންސްޓިޓިއުޓެއް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Dec 17, 2020
2

ސްމާޓް ވެލީ ލާނިންގ އިންސްޓިއުޓްގެ ނަމުގައި ޒަމާނީ ފެންވަރުގެ އިންސްޓިޓިއުޓެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ.

އަމިއްލަ ބަޔަކު އިސްނަގައިގެން ހުޅުވި މި ލާނިންގ އިންސްޓިޓިއުޓް ހުޅުވާފައިވާ ރޭ އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ތިން ސްކޫލްގެ ޕްރިންސިޕަލުންނެވެ.

މި އިންސްޓިޓިއުޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ އިންސްޓިޓިއުޓްގެ އެކްޓިންގ ހެޑް، އަހުމަދު ޒަކަރިއްޔާ ވިދާޅުވީ، މި މަރުކަޒު ވެގެންދާނީ ކުޅުދުއްފުށީގެ ތައުލީމްގެ ޗޭނަށް އިތުރުވާ އާ ބޮޅެއް ކަމުގައި އެވެ. އަދި ރަށުގެ ތައުލީމަށް އަލިކުރުމަށް ރޯ ކުރި އިތުރު ދަންމަރެއް ކަމަށެވެ.

މި މަރުކަޒުގެ މަގުސަދަކީ ކިޔެވުމަށް ފަހި މާހައުލެއްގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން ކަމަށާއި މަރުކަޒު ފަރުވާކޮށްފައިވަނީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި އެވެ. އަހުމަދު ވިދާޅުވީ، އެ އިންސްޓިޓިއުޓްގައި ތިއްބެވި ޓީޗަރުންނަކީ ރަށުން މިވަގުތު ލިބެން ހުރި އެންމެ ރަނގަޅު ތަޖުރިބާކާރު ޓީޗަރުން ކަމަށާއި ތަނުގެ ކުރިމަގު ފެންނަނީ ވަރަށްވެސް އުޖާލާކޮށް ކަމަށެވެ.

ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓް ބަލާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ޕްލޭ ސްކޫލަކާއި ޓިއުޝަން ސެންޓަރެއްގެ އިތުރުން އިންސްޓިޓިއުޓްގެ ބައެވެ.

  • ސްމާޓް ވެލީ ޕްރީ ސްކޫލް: ބޭބީ ނާސަރީ އަދި ނާސަރީއަށް ހާއްސަކޮށް ރަސްމީ ތައުލީމު ފޯރުކޮށްދިނުމަށް
  • ސްމާޓް ވެލީ ލާނިންގ ސެންޓަރު: ހާއްސަކޮށްފައިވަނީ ޕްރީ ސްކޫލުން ފެށިގެން ސާނަވީ ގުރޭޑްތަކާ ހަމައަށް ޓިއުޝަން ދިނުމަށް
  • އިންސްޓިޓިއުޓް: ހާއްސަކޮށްފައިވަނީ ސާނަވީ އަދި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ތަފާތު އެކި ކޯސްތައް ހިންގުމަށް

ފަސް ކުލާސް ރޫމަކާއި އޮފީހެއް އަދި ވެއިޓިންގ އޭރިޔާއެއް މި މަރުކަޒުގައި ހުރިއިރު މުޅި މަރުކަޒު ވަނީ އޭސީ ކުރެވިފަ އެވެ. އަދި ކުލާސް ރޫމްތަކުގައި ސްމާޓް ޓީވީ އާއި ޒަމާނީ ފެންވަރުގެ އެހެނިހެން ވަސީލަތްތައް ހުރި އެވެ. މުޅި މަރުކަޒު ފެނިގެންދަނީ ވަރަށް ހިތްފަސޭހަ އަރާމު ތަނެއްގެ ގޮތުގައި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޕްރިންސިޕަލުންވެސް ވިދާޅުވެފައިވަނީ، މި އިންސްޓިޓިއުޓްގެ ސަބަބުން ރަށުގެ ތައުލީމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަރުކަޒު ކުރިއަށް އޮތްތަނުގައި ކޮލެޖަކަށް ބަދަލުވެ ޔުނިވާސިޓީއަކަށް ބަދަލުވެގެންދިޔުމަކީ އުންމީދެއްކަމަށް ވިދާޅުވި އެވެ.

މި އިންސްޓިޓިއުޓަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިތުރު މައުލޫމާތު 7700551 ނަންބަރު ފޯނާ ގުޅުމުން ލިބިގެންދާނެކަމަށް އެފަރާތުން ހާމަކުރެ އެވެ. މި އިންސްޓިޓިއުޓް ހުންނަނީ އޭޑީކޭ ކޯލް ސެންޓަރު ހުންނަ އިމާރާތުގެ ތިރީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355