twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސްމާޓް ވޭލީ ލާނިންގ އިންސްޓިޓިއުޓުން ޔަންގް އިންޖިނިއާރސް ޕްރޮގުރާމް އިފްތިތާހްކޮށްފި

ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުގައި ކުރިއަށްގެންދާ މި ޕްރޮގުރާމް ރާއްޖޭންވެސް ފުރަތަމަ އިފްތިތާހް މިކުޅެވުނީ ކުޅުދުއްފުށީގަ. އެކަމަކު ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި އާއި އަތޮޅުތެރޭގެ އެހެން ހިސާބުތަކުގައި މި ޕްރޮގުރާމް ކުރިއަށްދާނެކަމަށް ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓުން ބުނޭ.

އަބްދުލް ވާހިދު ޙަސަން
Aug 11, 2022

ކުޅުދުއްފުށީގައި ހިންގަމުންދާ، ސްމާޓް ވޭލީ އިންސްޓިޓިއުޓުން ޔަންގް އިންޖިނިއާރސް ޕްރޮގުރާމް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުގައި ކުރިއަށްގެންދާ މި ޕްރޮގުރާމް ރާއްޖޭންވެސް ފުރަތަމަ އިފްތިތާހް މިކުޅެވުނީ ކުޅުދުއްފުށީގަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި އާއި އަތޮޅުތެރޭގެ އެހެން ހިސާބުތަކުގައި މި ޕްރޮގުރާމް ކުރިއަށްދާނެކަމަށް ސްމާޓް ވެލީން މައުލޫމާތުދެ އެވެ.

ޔަންގް އިންޖިނިއާރސް އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މި ޕްރޮގުރާމަކީ ކުޅުދުއްފުށީގެ ތައުލީމީ ނިޒާމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެން މުސްތަގުބަލު ބިނާކުރުމަށްޓަކާ އީޖާދީ އިންސާނީ ޖީލެއް އުފެއްދުމަކީ ނުހަނު މުހިންމު ކަމެއް. ހާއްސަކޮށް ޅަފަތުގެ ދުވަސްވަރު ތުއްތު ކުދިންނަށް ކްރިޓިކަލް ތިންކިންގ ނުވަތަ އެ ކުދިންގެ ވިސްނުން އެހެން ގޮތްގޮތަށް ބޭނުންކުރަން ދަސްކުރެވޭނެ ކަހަލަ ޕްރޮގުރާމްތަކަކީ ކުދިންގެ ސިކުނޑި އިތުރަށް ތަރައްގީވެ ކުދިން ވިސްނާ ގޮތް ބަދަލުކޮށް ތައުލީމް ހާސިލުކުރުމުގައި ކުދިން ،ކުރިއަށްދިޔުމަށްޓަކާ އެ ކުދިންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް." މޭޔަރު އާތިފް ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްރޫއު ޔުނިވާސިޓީތައް ގަބޫލުކުރާ ފެންވަރުގެ މިފަދަ ޕްރޮގުރާމެއް ފެށޭއިރު އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ފެށިގެންދާ ދިޔުމަކީ ސިޓީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ކުރިއެރުމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވި އެވެ. އަދި ސްމާޓް ވެލީގެ ކެޕޭސިޓީ ހުރިވަރަކުން މިސަރަހައްދުގައި އެހެން ރަށްތަކުގައި މި ޕްރޮގުރާމް ކުރިއަށްގެންދިޔުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ތަރައްގީއަށް މަސައްކަތްކުރާއިރު ރަނގަޅު ޖީލެއް ބިނާކުރުމަކީ އެންމެންނަށްވެސް އެންމެ މުހިންމު ކަންކަން ކަމަށާއި މުސްތަގުބަލުގެ ޖީލް ކުރިއަރައި ދިޔުމަކީ މި އާބާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށެވެ.

މޭޔަރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައި ހުރި ހަލޯރަތްތައް ކުރިއަރާފައި ހުރި އެންމެ ބޮޑު ސަބަބެއްކަމުގައި ތާރީހު ދައްކާ ހަގީގަތަކީ އެތަނެއްގެ އިންސާނުންގެ ވިސްނުން ކުރިއަރާ ދިޔުމާއި އެތަނެއްގެ ތައުލީމީ ފެންވަރު ކުރިއަރާ ދިޔުންކަމަށެވެ.

ސައިންސް ބޭސްޑް މި ޕްރޮގުރާމްގައި ކިޔަވައިދޭނީ ބޭސިކް އޮފް ސައިންސާއި ޓެކްނޮލޮޖީ އިންޖިނިއަރިންގ އަދި ހިސާބު ހިލްމެވެ. މީގެ އިތުރުން މި ޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުންނަށް ޕްރޮބްލަމް ސޯލްވިންގ އާއި ޓައިމް މެނޭޖްމެންޓް އަދި ކޮމިއުނިކޭޝަން، ޓީމް ވޯރކް، ފައިން މޯޓޯ ސްކިލްސް ފަދަ މުހިންމު ކަންތައް ދަސްވެގެންދާނެ ކަމަށެވެ.

މި ޕްރޮގުރާމް ހުޅުވާލެވިފައިވަނީ އުމުރުން 6-12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ޔަންގް އިންޖިނިއާރސް ޕްރޮގުރާމްތަކަކީ ހަވާރޑް ސްކޫލް އޮފް އެޑިއުކޭޝަން އަދި ޔޫރަޕިއަން ޔޫނިއަނުންވެސް ބަލައިގަނެފައިވާ ޕްރޮގުރާމެކެވެ.

2008 ވަނަ އަހަރު އުފެދިފައިވާ ޔަންގް އިންޖިނިއާރސް ޕްރޮގުރާމް ކުރިއަށްގެންދާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަނު، އިޓަލީ ޖަޕާން، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

މިރަސްމިއްޔާތުގެ ސްމާޓް ވެލީ އިންސްޓިޓިއުޓްގެ ވެރިންނާއި ޓީޗަރުން އަދި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ. މި އިންސްޓިޓިއުޓްގެ ދަށުން މިހާރުވެސް ކުޅުދުއްފުށީގައި އަންނަނީ ޕްލޭ ސްކޫލެއް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355