twitterviber whatsapp telegramfacebookyoutube instagram
20th April 2021

ގާނޫނީ ކޮލަމް: މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރާނީ ކިހިނެއް؟

Dec 24, 2020
1

ތިމާގެ މިލްކުގައިވާ އެއްޗެއް، އެހެންމީހެއްގެ މިލްކުވެރިކަމަށް ބަދަލުކުރަން ބޭނުންވާ ޙާލަތު އާދެއެވެ. އަދި މިފަދަ ޙާލަތެއްގައި، އެމިލްކުވެރިކަން ބަދަލުކުރަން ޤާނޫނުގައި އޮތް ގޮތްނޫން އެހެން ގޮތަކަށް މިލްކުވެރިކަން ބަދަލުކުރަން އުޅުމުގެ ސަބަބުން، ޤާނޫނީގޮތުން މިލްކުވެރިކަން ބަދަލުނުވާ ޙާލަތު ދިމާވެއެވެ. ހަމައެހެންމެ، އުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމާއި، ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުވެސް ތަފާތެވެ. އެހެންކަމުން، ޤާނޫނީގޮތުން މިލްކުވެރިކަން ބަދަލުކުރެވޭނީ ކިހިނެއްކަން އެނގި ތިބުމަކީ މުހިންމުކަމެކެވެ.

އުފުލޭ މުދަލެއްގެ މިލްކުވެރިކަން ޝަރީޢަތް މެދުވެރިކޮށް ބަދަލުކުރުން

އާންމު އުޞޫލަކީ، އުފުލޭ މުދަލެއްގެ މިލްކުވެރިކަން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެމަތީން އެ މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމެވެ. މި އުޞޫލުގެދަށުން ލިޔުމުން އެއްބަސްވުމެއްގައި ސޮއިކޮށްގެން ނަމަވެސް ނުވަތަ އަނގަބަހުން ވެވޭ އެއްބަސްވުމަކުންވެސް އުފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުކުރެވިދާނެއެވެ.

ނަމަވެސް އުފުލޭ މުދަލެއް އެހެން މީހަކަށް ހިބައިންދޭނަމަ، އެފަދަ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރީޢަތް މެދުވެރިކޮށެވެ. މިގޮތުން މިލްކުވެރިކަން ބަދަލުކުރުމަށް ޝަރީޢަތަށް ހުށަހެޅޭނީ، އެމުދަލެއް ދޭފަރާތަކީ ހަމަ ޙަޤީޤަތުގައިވެސް އެމުދަލެއްގެ މިލްކުވެރިޔާ ކަމުގައިވާނަމައެވެ. އަދި ދޭފަރާތާއި މިލްކުވެރިކަން ބަލައިގަންނަ ފަރާތުންވެސް ޝަރީޢަތުގެ މަޖިލީހުގައި މިލްކުވެރިކަން ބަދަލުކުރުމަށް އެދެންވާނެއެވެ.

އުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރާއިރު، ބަދަލުގައި މީހަކު ހަމަޖެއްސުން

މުދަލުގެ ވެރިފަރާތަށް ނުވަތަ މިލްކުވެރިކަން ބަލައިގަންނަ ފަރާތަށް ކޯޓަށް ޙާޟިރުނުވެވޭފަދަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، އެމީހެއްގެ ބަދަލުގައި ދެ ހެކިންނާއިއެކު އެހެން މީހަކު ޝަރީޢަތަށް ފޮނުވިދާނެއެވެ. މިގޮތުން މިލްކުވެރިކަން ޙަވާލުކުރާއިރު މިލްކުވެރިކަން ބަދަލުކުރަން އެދޭ ގޮތުގެ ފުރިހަމަ ބަޔާނެއްގައި، މުދަލުގެ މިލްކުވެރި ފަރާތާއި، ބަދަލުގައި ކޯޓަށް ޙާޟިރުވާ މީހާ އަދި ދެހެކީންގެ މަޢުލޫމާތު ހިމަނާ، ހަތަރު މީހުން ސޮއިކުރަންވާނެއެވެ. ކޯޓަށް ޙާޟިރުނުވެވޭފަދަ ޢުޛުރެއް މެދުވެރިވެގެން ބަދަލުގައި މީހަކު ހަމަޖައްސަނީ މިލްކުވެރިކަން ބަލައިގަންނަ މީހާ ކަމުގައިވިޔަސް، މިފަދައިން ޢަމަލުކުރަންވާނެއެވެ. އަދި މިލިޔުން ކޯޓަށް ހުށަހަޅައި، ޝަރީޢަތުގެ މަޖިލީހުގައި މި ބަޔާނަކީ ތެދު ބަޔާނެއްކަމުގައި ދެހޭކީން ހެކިދޭންވާނެއެވެ.

މުދަލެއް ދޭފަރާތް ނުވަތަ ބަލައިގަންނަ ފަރާތް ރާއްޖެއިން ބޭރުގައިވުމުގެ ސަބަބުން އިސްވެދެންނެވުނު ފަދަ ލިޔުމެއް ހުށަހެޅުމަށް ދަތިވާނަމަ، މުދަލުގެ މިލްކުވެރި ފަރާތް ނުވަތަ މިލްކުވެރިކަން ބަލައިގަންނަ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް މީހަކު ހަމަޖައްސައި، މިލްކުވެރިކަން ބަދަލުކުރުމަށް ނުވަތަ ބަލައިގަތުމަށް އެދޭގޮތް އެނގޭނެފަދަ ޝަރުޢީ ހަމަތަކުގެމަތިން ލިޔެ ސޮއިކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެލިޔުމުގައިވާ ކަންކަންކުރުމަށް ބަދަލުގައި ޙާޟިރުވާމީހާ އާއި ޙަވާލުކޮށްފައިވާކަމާއި، އެކަން ޤަބޫލުކުރާކަމަށް އިޤްރާރުވާންވާނެއެވެ.

ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުން

ނުއުފުލޭ މުދަލަކީ، ބިމާއި އިމާރާތް ފަދަ މުދަލެވެ. ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރެވޭ ތަފާތުގޮތްތައް ހުރެއެވެ. އެގޮތުން ވިއްކުން، ހިބައިން ދިނުން ނުވަތަ ވަޞިއްޔަތުން ދިނުން ހިމެނެއެވެ. އަދި ބިމުގެ ވެރިފަރާތް ނިޔާވެގެން ތަރިކައިން އެބިން ބެހުމުންވެސް މުދަލުގެ މިލްކުވެރިކަން އެހެން މީހަކަށް ބަދަލުވެއެވެ. ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ޝަރީޢަތުން ނޫންގޮތަކަށް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ޝަރީޢަތް މެދުވެރިކޮށް އެހެން ފަރާތަކަށް ބަދަލުކުރި ކަމުގައިވިޔަސް، އެކަމުގައި ޢަމަލުކުރަން އޮންނަ އިޖުރާޢަތާއި އުޞޫލާއި ޚިލާފަށް ޢަމަލުކޮށްފައިވާނަމަ އެމައްސަލައެއް އިސްތިއުނާފްކޮށް، އެ ގެއްލުނު ޙައްޤު ހޯދުމުގެ ފުރުޞަތު އެބިމުގެ ޙައްޤުވެރިންނަށް ލިބިގެންވެއެވެ.

ބިމެއް ހިބައިން ދޭއިރު، ހިބައިން ލިބޭ ފަރާތްނޫން ދެންތިބި ވާރިސުންގެ ބަހެއް ހޯދާ، އެމީހުންގެ ބަޔާނެއް ނެގުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. ނަމަވެސް މިސާލަކަށް، ޝަރީޢަތް މެދުވެރިކޮށް މީހެއްގެ ގޯއްޗެއް އެހެން ބަޔަކަށް ނުވަތަ މީހަކަށް ހިބައިން ދީފައި އޮންނަ ޙާލަތުގައިވެސް، މިފަދަ ބަޔާނެއް ނެތްނަމަ އެއީ ޞައްޙަ ހިބައެއްކަމުގައި ނުވާތީ، އެބިމުގެ މިލްކުވެރިކަން ބަދަލުނުވާކަމަށްބުނެ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ނުވަތަ އަމިއްލަ ނުކޮށް އޮތް ބިމެއް ނުވަތަ ޝަރީޢަތުން ބޭރުން ގޯއްޗެއް އެހެން މީހަކަށް "ވިއްކާފައި" އޮވެދާނެއެވެ. މިޙާލަތުގައިވެސް އެ ވިއްކި ވިއްކުމަކީ، ޝަރުޢީގޮތުން ޞައްޙަ ވިއްކުމެއް ކަމުގައި ނުވާތީ، އެބިމުގެ މިލްކުވެރިކަން ގަތްފަރާތަކަށް ބަދަލެއް ނުވާނެއެވެ. އެއީ އެބިމުގެ ގަނެވިއްކުމުގެ އެއްބަސްވުމެއް ގަންނަ ފަރާތާއި ވިއްކާ ފަރާތާއި ދެމެދު ވެފައިވާކަމުގައި ވިޔަސްމެއެވެ.

ހަމައެފަދައިން، ބިމެއް ތަރިކައިން ބެހޭނީވެސް ޝަރީޢަތް މެދުވެރިކޮށެވެ. މިސާލަކަށް، ބައްޕަ ނިޔާވުމުން ބައްޕަގެ ހުރިހާ ދަރިންގެ މެދުގައި ގޯއްޗެއް ބަހާއިރު ގޯތިން ބައިލިބޭ ހުރިހާ ވާރިސުން ކޯޓަށް ޙާޟިރުކޮށް، އެހުރިހާ ވާރިސުންގެ ބަޔާން ނެގުމަކީ ލާޒިމުކަމެކެވެ. އަދި ތަރިކައިން ބެހުމުގެ މައްސަލަ ނިންމުމުގެކުރިން، ކުރިން ނޭނގޭ ވާރިސެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރުކުރުމަށްޓަކައި، މިލްކުވެރިކަމަށް އެއްވެސް ދަޢުވާއެއް އޮތްތޯ އާންމުކޮށް އަންގާ އިޢުލާނު ކުރާނެއެވެ. މި އުޞޫލުގެދަށުން އެހެން ވާރިސުން ރަށުގައި ނުވަތަ ޤައުމުން ބޭރުގައިވާނަމަ، އެމީހުންނަށް ނާންގާ ވާރިސުންކުރެ ކޮންމެވެސް އެކަކަށް ގޯތި ތަރިކައިންދީފިނަމަ، އެއީ ޞައްޙަގޮތުގައި މިލްކުވެރިކަން ބަދަލުވީކަމުގައި ނުބެލެވޭނެއެވެ.

ނިންމުން

ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ޤާނޫނާއި ޚިލާފަށް ބަދަލުކުރެވިފައިވާ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ. ޚާއްޞަކޮށް އަށްޑިހައިގެ އަދި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި، މިފަދައިން ހިނގާފައި ހުރި މައްސަލަތައް ގިނައެވެ. މިފަދައިން ނިމިފައިހުރި މައްސަލަތަކުގައި، އެބިމެއްގެ އަޞްލު ހައްޤުވެރިންނަށް އެބިމަކުން ލިބޭނެ ނުވަތަ ނުލިބޭނެކަން އެނގިގެންދާނީ، އެމައްސަލައެއްގެ ވަށައިގެންހުރި އެންމެހާ ކަންތައްތައް ހޯދާ ބަލައިގެންނެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355