ކޮވިޑް-19ގެ އާ ވައްތަރު ފެނުމާއި ގުޅިގެން ރާއްޖޭގައި ފިޔަވަޅުތައް އެޅުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީން) ބުނެފިއެވެ.
އެޗްއީއޯސީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގު ވިދާޅުވީ އިނގިރޭސިވިލާތުގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުން ވެސް އާ ވޭރިއެންޓް ފެނިފައިވާއިރު ކޮވިޑްގެ ކޭސްތައް ބޮޑަށް ފެތުރެމުންދާ ގައުމުތަކުގައި މިވޭރިއެންޓް އުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރިސްކް އެސެންމެންޓްއެއް ހަދާފައިވާ ކަމަށާއި ފިޔަވަޅުތައް އެޅުމާއިމެދު މަޝްވަރާ ކުރެވެމުން ދާކަމުގައި ނަޒުލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ރާއްޖެއިން ކުރިން ވެސް ސާމްޕަލްގެ އެއްބެޗް ސީކުންއެސް ހެދުމަށް ލެބްތަކަށް ފޮނުވި ކަމަށާއި، އައު ވޭރިއެންޓެއް ފެނިފައިނުވާ ކަމަށެވެ. އަދި މިހާރު އިތުރު ސާމްޕަލްތައް ފޮނުވުމުގެ މަސައްކަތްތަކާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
ނަޒުލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއަށް ރިޔާއަތް ކުރާނެ ކަމަށާއި ކުއްލި އަކަށް ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ހާލަތަށް ބަލައި ވިސްނައިގެން ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ނަޒްލާ ވިދާޅުވިއެވެ.