ވ. ރަކީދޫގައި މަންމަ ކުރި އަނިޔާތަކެއްގެ ސަބަބުން މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދު ދެ ދައުވާއެއް ސާބިދުވާކަމަށް ކަނޑައަޅާ ހުކުމް ކޮށްފި އެވެ.
އިބްތިހާލުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިހާލުގެ ފުރާނަ ގޮސްފައިވާތީ އެވެ. އިއްޔެ އަޑުއެހުމުގައި ވަނީ އެ ދައުވާ ސާބިތުވެ އާފިޔާ 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކާ ހަވާލާދީ ގާޒީ ވިދާޅުވީ އިބްތިހާލު މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އާފިޔާ އެކަން ކުރީ މަރާލުމުގެ ނިޔަތް އޮވެގެންކަން ސާބިތުވާކަންވެސް ތަފްސީލުތައް ހިއްސާ ކުރައްވަމުން ގާޒީ ފާހަގަކުރެއްވިއެވެ.
ދެވަނަ ދައުވާއެއްގެ ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށުގެ ދައުވާ އެވެ. އެދައުވާ އުފުލާފައިވަނީ އެކި ފަހަރުމަތިން އިބްތިހާލަށް އަނިޔާކޮށް އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ އަމަލު ކޮށްފައިވާތީއެވެ. މި ދައުވާގެ ހުކުމް ކުރައްވަމުން ގާޒީ ވަނީ ހެކިވެރިންގެ ހެކިބަހުންނާއި، ޝަރީއަތަށް ހުށައެޅިފައިވާ ހެކިތަކަށް ބަލައި، އާފިޔާގެ މައްޗަށް މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާ ގާނޫނުލް އުގޫބާތުގެ ދަށުން މި ކުށުގެ އަދަބެއްގެ ގޮތުން އާފިޔާއަށް 1 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ދައުލަތުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ފާހަގަވާން ހުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ އަފިޔާ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
2015 ވަނަ އަހަރު ޖެނުއަރީ ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން މަރުވި މައްސަލައިގައި އާފިިޔާގެ މައްޗަށް ކުރި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަށް އާފިޔާ ކުރިން އެއްބަސް ވިޔަސް ފަހުން އޭނާ ބުނަމުން ދަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި ކުރިން އެކަމަށް އެއްބަސްވީ ބަޔަކު ބިރު ދެއްކުމުން ކަމަށެވެ.
ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ބުނަމުން ދިއުމަށް ފަހު، ވަކީލަކު ބޭނުންވާ ކަމަށް އާފިޔާ ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ނިމި، މިދިޔަ މަހުގެ ފަހުކޮޅު ހުކުމް އިއްވަން ހަމަޖައްސާފައި ވަނިކޮށެވެ. އެހެންވެ، އިއްޔެ އޭނާގެ މައްޗަށް ހުކުމް އިއްވީ ވަކީލަކާ އެކު ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު އާފިޔާ އަށް އަލުން ދިނުމަށް ފަހު އެވެ.