twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޚިދުމަތް ދިނުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ އެކަށީގެންވާ މާހައުލެއް ނެތުންކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ

May 18, 2011

މުހައްމަދު އާދަމް

އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ އެކަށީގެންވާ މާހައުލެއް ނެތުންކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސްޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، ރަށު ކައުންސިލަކީ ކުޅުދުއްފުށީގެ ގިނަޢަދަދެއްގެ ރައްޔިތުން ތަފާތު އެކިއެކި ޚިދުމަތްތައް ހޯދަމުންދާ ތަނަކަށް ވީހިނދު، އެންމެ އެދެވޭގޮތުގައި ކައުންސިލުން ލިބެންވާ ޚިދުމަތްތައް ނުލިބޭކަމަށް ބައެއްމީހުން ޤަބޫލުކުރާކަމަށާއި އެޚިދުމަތްތައް އެންމެ އެދެވޭގޮތެއްގައި ނުދެވޭކަމަށް ކައުންސިލްގެ އިދާރާއިންވެސް ޤަބޫލުކުރައްވާ ކަމަށެވެ.

“ކައުންސިލްގެ ޚިދުމަތް އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް ކުރިއަށް ނުގެންދެވޭ. މުވައްޒަފުންގެ ދަތިކަން، ޖާގައިގެ ދަތިކަން، ޒަމާނީ ވަސީލަތްތައް ނެތުން އެންމެބޮޑު މައްސަލައަކީ” ކައުންސިލަރ ޖަމްޝީދު މުޙަައްމަދު ވިދާޅުވިއެވެ.

މިޒަމާނަކީ އޮފީސްތަކުގެ ޚިދުމަތުގެ ފެންވަރާއި މަސައްކަތް އަވަސްކުރުމަށް އިންޓާރނަލް ނެޓްވޯކް އަޅައި، ނެޓްވޯކްގެތެރެއިން މަސައްކަތް ކުރަމުންދާ ދުވަސްވަރަކަށްވާއިރު ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައި އެފަދަ ނެޓްވޯކެއް އެޅިފައި ނެތްކަމަށާއި، ހުރި ކޮންޕިއުޓަރުތަކަކީ ޒަމާނީ ވަސީލަތްތަކަކަށް ނުވާތީ ހިދުމަތްދިނުމުގައި ވަރަށްބޮޑުތަން ލަސްވާ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.

ރަށު ކައުންސިލްގެ އިދާރާގައި ބޭނުންކުރާ ވަސީލަތްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލުކުރުމަށާއި މުވައްޒަފުން އިތުރުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރައްވަންތޯ ކުޅުދުއްފުށީ އޮންލައިންއިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ކައުންސިލަރ ވިދާޅުވީ ބަޖެޓު ލިބޭމިންވަރަކުން ކޮންޕިއުޓަރު ފަދަ ސާމާނުތައް ގަންނަމުން ދާކަމަށެވެ. އަދި ކައުންސިލްގެ އޮނިގަނޑު ނިމިފައިވާކަމަށާއި، އޮނިގަނޑުގެ ތެރެއިން މުވައްޒަފުން ނެގޭނެކަމަށް ލަފާކުރައްވަނީ އަންނަ އަހަރު ކަމަށްވިޔަސް، މިއަހަރުވެސް ބަޖެޓުގެތެރެއިން އެކަން ކުރެވެން އޮތްތޯ ބެލުމަށްފަހު މުވައްޒަފުން އިތުރުކުރާނެކަމަށް ޖަމްޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރަށު ކައުންސިލް ހިންގަމުންދަނީ ކުރިން ރަށު އޮފީސް ހިންގި އިމާރާތުގައެވެ. އޭގެ ކުރިން އެ އިމާރާތް ހދ އަތޮޅު އޮފީސް ހިންގުމަށްވެސް ބޭނުންކުރެވުނެވެ. އާބާދީ ބޮޑު ކުޅުދުއްފުށީގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ރަށު ކައުންސިލުގެ އިދާރާއިން ތަފާތު އެކި ބޭނުންތަކުގައި ހިދުމަތް ހޯދަމުންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355