އިންޑިއާގައި އިމަޖެންސީ ބޭނުންތަކަށް އެސްޓްރަޒެނެކާއި އޮކްސްފޯޓް ޔުނިވާސިޓީން އުފެއްދި ކޮވިޑް ވެކްސިން ދޭން ހުއްދަދީފައިވާއިރު ޑްރަގްސް ކޮންޓްރޯލް އޮތޯރިޓި އޮފް އިންޑިއާއިން ވެކްސިންދިނުމާއި ބެހޭ ގޮތުން ވަކި އެއްޗެއް އެންގުމުން އެގައުމުގައި ވެކްސިން ދޭން ފެށިގެން ދާނެއެވެ.
ސިއްހީ އިދާރާތަކުން ލަފާ ކުރާ ގޮތުގައި ލަސްތަކެއް ނުވެ އާންމުކޮށް ވެކްސިން ދޭން ފެށި ދާނެ އެވެ. އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު، ޕްރަކާޝް ޖާވެދޭކަރު ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އިންޑިއާ ބެލެވިފައި ވަނީ ކޮވިޑްގައި އެންމެ ބޮޑުވަރުވި ދެވަނަ ގައުމު ކަމަށެެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި 10.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑްޖެހިފައި ވެއެވެ.
އިންޑިއާ އަކީ ބިޔަ އާބާދީއެއް ކަމުން މުޅީ އާބާދީއަށް ވެކްސިން ދޭން ނަގާނެ ދުވަހެއް ވެސް ނޭނގެ އެވެ. އިންޑިއާއިން އުންމީދު ކުރަނީ މި އަހަރު ޖޫންގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.
ވެކްސިން ދިނުމަށް ރައްޔިތުންގެ ރުހުން ނުލިބިދާނެ ކަމަށް ސިއްހީ އިދާރާތަކުން އަންނަނީ ރިހާސަލްތައް ބާއްވައި ފަރިތަކުރަމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ސައްހަ މައުލޫމާތު ފޯރު ކޮށްދެމުންނެވެ. ކޮވިޑްއާއި ގުޅޭގޮތުން ދެކެވޭ އިތުބާރު ނުހިފޭ ވަހާކަތައް ރައްޔިތުން ގަބޫލުކުރުމަކީ ވެކްސިން ދިނުމުގައި އެގައުމަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.