ހަނިމާދޫގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދުވީ އިތުރުކަމަށާއި އެއީ ވެރިކަމަށް އަންނަވެގެން ހެދި ދޮގުކަން ސާބިތުވެފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެ އެވެ.
'ރާއްޖެ ޓީވީ' ގައި ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ، މިސަރުކާރަށް އެއް އަހަރުވެގެން އަންނައިރު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެރިކަމަށް އަންނަ ވެގެން އިންޑިޔާއާ ގުޅުވައި ހެދި ދޮގުތައްކަމުގައި އެވެ.
"އެންމެ ބޮޑުކަމަކީ މިސަރުކާރު އައީ ހަގީގަތުގައި އިންޑިޔާ މިލިޓަރީ އައުޓް، އިންޑިޔާ އައުޓް. އަދި ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިން ނުވަތަ އެތިބި ބަޔަކު ބޭރުކުރުމުގެ ނަމުގަ." ފިރާގު ވިދާޅުވި އެވެ.
އިންޑިޔާ ސިފައިން ހަތިޔާރާއެކު ހަނިމާދޫގައި އުޅޭކަމަށް ފެތުރި ދޮގު ވާހަކަތަކާ ގުޅިގެން މި ހިސާބުގަނޑުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ފިރާގު ވިދާޅުވީ، ސިފައިން ބޭރުކުރާނަމޭ ކިޔައިގެން ވެރިކަމަށް އައިސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައި ކަމަށާއި އެހެންނަމަވެސް މިއަދުވެސް ހަނިމާދޫގައި އެބަ އުޅޭ އިންޑިޔާ ސިފައިން އުޅޭ ކަމަށެވެ. އަދި ހަމަ ކުރިން ދުއްވި 'އިންޑިޔާ މިލިޓަރީ' ޑޯނިޔާވެސް ދުއްވާކަން ފާހަގަކުރެއްވި އެވެ.
"އެ ހެދި ދޮގު ހަދާފަ އެހެންވެއްޖެއްޔާ މިއަދު ކީއްވެހޭ އެ ޑޯނިޔާވެސް ދުއްވަނީ. އެއްކަލަ މިލިޓަރީ މީހުން އެބައުޅޭ. ހަމަ އެމީހުން އެބަތިބި، އެހެންނަމެއްގައި ތިބީ ގެނެސްފަ. އެއަށްވުރެ ގިނަވީ. ހަމަ ހަނިމާދޫގައި އުޅެނީ." ފިރާގު ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ، އެހެންވުމުން އޭރު އެ ހެދީ ވެރިކަމަށް އަންނަ ވެގެން ހެދި ދޮގުކަން މިއަދު ސާބިތުވާކަމަށެވެ.