twitterviber whatsapp telegramfacebookyoutube instagram
17th September 2024

އިންޑިއާގެ އެހީގައި 28 ރަށުގެ ފެނާއި ނަރުދަމާ ނިންމައި، ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Aug 10, 2024

އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތައް ރާއްޖެއާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ. ރާއްޖޭގެ ފަރާތުން އެ މަޝްރޫއުތަކާ ހަވާލުވީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

އަށާވީސް ރަށެއްގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔަ ހަތަރު ރަށަކާއި، ފެނުގެ މަސައްކަތް ކުރިއަށް ގެންދިޔަ 22 ރަށެއްގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔަ ދެ ރަށެކެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔަ ރަށްތައް:

  • ވ. ފުލިދޫ
  • ވ. ތިނަދޫ
  • ދ. ބަނޑިދޫ
  • ފ. ދަރަނބޫދޫ

ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔަ ރަށްތައް:

  • އއ. ތޮއްޑޫ
  • އދ. ދަނގެތި

ފެނުގެ މަސައްކަތް ކުރިއަށް ގެންދިޔަ ރަށްތައް:

  • ހއ. ކެލާ
  • ށ. ފުނަދޫ
  • ނ. މަނަދޫ
  • ކ. ކާށިދޫ
  • ޅ. ކުރެންދޫ
  • ވ. ފެލިދޫ
  • ދ. މީދޫ
  • ފ. ބިލެއްދޫ
  • ލ. މާބައިދޫ
  • ލ. އިސްދޫ - ކަލައިދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • މ. ކޮޅުފުށި
  • މ. މުލި
  • މ. މަޑުއްވަރި
  • ތ. ހިރިލަންދޫ
  • ގއ. މާމެންދޫ
  • ގއ. ދާންދޫ
  • ގއ. ގެމަނަފުށި
  • ގދ. ފަރެސްމާތޮޑާ
  • ގދ. ހޯޑެއްދޫ
  • ގދ. މަޑަވެލި

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355