ކުޅުދުއްފުށީގެ ބާޒާރުން ލުނބޯ މުޅިން ހުސްވެފައިވާ ކަމަށާއި ނަމަވެސް މާދަމާ ފާޅު ބޯޓުން ކުޅުދުއްފުއްޓަށް ލުނބޯ ގެނައުމުން ލުނބޯގެ ތަދުކަން ފިލާނެކަމަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ބުނެފިއެވެ.
ރާއްޖެއަށް ލުނބޯ އިމްޕޯޓް ކުރާ ފަރާތްތަކަށް ދިމާވި ބައެއް ދަތިތަކުގެ ސަބަބުން މާލޭގެ ބާޒާރުގައިވެސް ލުނބޯ މަދުވެ އަގުތައް ވަނީ އުފުލިފައެވެ. މާލެއިން ލުނބޯ ގަންނަން ނުލިބުމުން ކުޅުދުއްފުށީގައިވެސް ލުނބޯގެ ތަދުކަން އެބަހުރިކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއްވައެވެ.
“ކުރިން 40 ރުފިޔާއަށް ލުނބޯ ކިލޯއެއް މާލެއިން މިގެންނަނީ. އެކަމަކު މިހާރު 60 ރުފިޔާއާ 80 ރުފިޔާއާ ދެމެދުގެ އަގަކަށް ކިލޯއެއް މިލިބެނީ.” ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަށްވާ ފަރާތެއް ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވިއެވެ.
ކުޅުދުއްފުށީގެ ފިހާރަތަކުން ކުރިން 2/50 އަދި 3 ރުފިޔާއަށް ލުނބޯ ލިބުނު ކަމުގައިވިޔަސް ލުނބޯ ލިބުން މަދުވުމުގެ ސަބަބުން ބައެއް ފިހާރަތަކުގައި 5 ރުފިޔާ އަދި 6 ރުފިޔާއަށްވެސް ލުނބޯ ވިއްކާފައިވެއެވެ. އަދި ސަޓަޑޭ މާކެޓް (ހޮނިހިރު ބާޒާރު) ގައިވެސް ފަހަކަށް އައިސް ލުނބޯ ވިއްކުން މަދުކަން ފާހަގަ ކުރެވިފައިވެއެވެ.
ލުނބޯގެ އަގު ބާޒާރުގައި ބޮޑުވެފައިވަނީ ކައިރި ރަށްރަށުގެ ދަނޑުވެރިކަން ދައްވެ ދަނޑުވެރިން ކުޅުދުއްފުއްޓަށް ލުނބޯ ގެންނަލެއް މަދުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު އަނެއްބައި ފަރާތްތަކުން ބުނަނީ ޑޮލަރުގެ އަގުބޮޑުވުމުން ލުނބޯ އިމްޕޯޓް ކުރާއިރު އަގުބޮޑު ވެފައިވާ ކަމަށެވެ.
ދާދިފަހުން ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ބާޒާރުގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.