ނިމިގެން މިދިޔަ 2020 ވަނަ އަހަރު ވެގެންގޮސްފައިމިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހަޔާތުގައި އެންމެ ގިނަ މީހުން ހިދުމަތް ހޯދި އަހަރުގެ ގޮތުގަ އެވެ. ކޮވިޑްގެ ހާލަތުގައި މާލެއަށް އަރާ ފޭބުމުގައި ހުރި ދަތިތަކާ ހެދި ގިނަ ބަޔަކު ހިދުމަތް ހޯދީ އެ ހޮސްޕިޓަލުންނެވެ. އެގޮތުން މާލޭން އުތުރާއި އަދި މެދުރާއްޖޭގެ އެކި ސަރަހައްދުން ސިއްހީ ހިދުމަތް ހޯދުމަށް ކުޅުދުއްފުއްޓަށް އައިސްފަވެ އެވެ.
ޓާޝިއަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ މި ހޮސްޕިޓަލަކީ ކޮވިޑްގެ ކުރިންވެސް އަތޮޅުތެރޭގައި ހުންނަ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.
ކޭއާރުއެޗުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެ ހޮސްޕިޓަލުން 101،362 މީހުން ހިދުމަތް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 184 މީހުން ހިމެނެ އެވެ. މީގެ ތެރެއިން 51،382 މީހުން ނިސްބަތްވަނީ ކުޅުދުއްފުއްޓަށެވެ. ހދ އަތޮޅުގެ އަނެއް 12 ރަށަށް ނިސްބަތްވާ 23،155 މީހުން މި ހޮސްޕިޓަލުން މިދިޔަ އަހަރު ހިދުމަތް ހޯދި އެވެ.
ހއ އަތޮޅަށް ނިސްބަތްވާ 9002 މީހަކު ހިދުމަތް ހޯދާފައިވާއިރު ށ އަތޮޅަށް ނިސްބަތްވާ 8285 މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ. އަދި 23 ގައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ހިދުމަތް ހޯދާފައިވާއިރު އެންމެ ގިނައިން ހިދުމަތް ހޯދާފައި ވަނީ އިންޑިޔާ އަދި ބަންގުލަދޭޝްގެ ރައްޔިތުންކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މިދިޔަ އަހަރު 2565 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާއިރު 450 މީހުން ވިހާފައިވެ އެވެ. އޮބްސްޓެެޓްރިކް އަދި ގައިނީ ވާރޑްގައި 1200 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ. އެ ހޮސްޕިޓަލުން ބުނީ މިދިޔަ އަހަރު 8013 މީހުންނަށް ބޭސް އަޅައި ރޫމްގައި ފަރުވާދިން އިރު 6955 މީހުންނަށް އެމެޖެންސީ ވާރޑްގައި ފަރުވާދީފައިވާ ކަމަށެވެ.
މިވަގުތު 18 މީހުން ޑަޔަލިސިސިސް ހަދަމުންދާއިރު ޖުމްލަ 1662 ޑަޔަލިސިސިސް ވަނީ އެ ހޮސްޕިޓަލުން ހަދައިފަ އެވެ. އަދި ދާން މަތީ ބަލި މީހުންނަށާއި ހޯމް ވިޒިޓްގެ ގޮތުގައި ޖުމްލަ 202 ވިޒިޓް ކުރެވިފައިވާކަމަށް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކުޅުދުއްފުށީގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ކޭޕީއެލް ގެސްޓު ހައުސްގައި 70 މީހުންނަށް ވަނީ ފަރުވާ ދީފައިވާއިރު އެތަނުގައި އެކަކު ވިއްސާފައިވާކަންވެސް ފާހަގަކުރެވެ އެވެ.
މިދިޔަ އަަހަރު ވެގެން ގޮސްފައިވަނީ އެ ހޮސްޕިޓަލުގެ ތަރައްގީއަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި އެވެ. އެގޮތުން ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ އިސްނެއްގެވުމުގެ މަތިން އަލަށް ގިނަ ހިދުމަތްތަކެއް ފެށި ޑޮކްޓަރުންގެ އަދަދު އިތުރުކުރެވިގެންދިޔަ ކަން ފާހަގަކޮށްލެވެ އެވެ.