ކޮވިޑް ވެކްސިން ޖެހުމަށް ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާރ ވޯކަރުން ރެޖިސްޓްރީ ވުމަށް ހުޅުވާލުމާއެކު މިހާތަނަށް 19،666 މީހުން ރެޖިސްޓްރީވެފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކުރައްވައިފިއެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ގައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ ނަޒްލާ ރަފީގު ވިދާޅުވީ 19،666 މީހުން ޕޯޓަލްގައި ރެޖިސްޓްރީ ވެފައިވާއިރު އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1000 މީހުން ކަމަށެވެ.
ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލްއަކީ my.health.mv އެވެ
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފުރަތަމަ ވެކްސިން ދެވޭނީ ސިއްހީ ހިދުމަތުގައި އަދި އިޖްތިމާއީ ހިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށެވެ.
އެއަށްފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނަށް ވެކްސިން ދެވޭނެއެވެ. އެއަށްފަހު އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ވެކްސިން ދެވޭނެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ.
ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންނަމަވެސް ވެކްސިން ޖެހުމުން ކޮވިޑް ފެތުރޭމިންވަރު ދަށްކޮށް ކޮންޓްރޯލްކުރުމަށް އެހީއަކަށް ވާނެކަމަށާއި އެހެންކަމުން އާންމު ހާލަތަށް އަވަހަށް ރުޖޫއަވުމަށް ފަސޭހަވެގެން ދާނެކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އެޗްއީއޯސީންވެސް ވަނީ ވެކްސިން ޖެހުމަށް ގިނަ ބަޔަކު ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދިފައެވެ.