މިދިޔަ 9 މަސްދުވަހުތެރޭ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅާފައި ވާކަަމަށެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33 އަށް ވުރެ އިތުރު އަދަދެކެވެ.
ކޮވިޑް-19 ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު މި ދަތި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ ކަމަށާއި މިގޮތުން ކަސްޓަމަރުނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިން ކޮށް އެދި ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރުއަޅާފައެވެ. މި ގޮތުން އިންޓަރނެޓް ބޭންކިންގ ގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ ގެ ހިދުމަތަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި ޑިޖިޓަލް ޕިންގެ ހިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ހިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.