ޒުވާނުންގެ މެދުގައި މަގުބޫލު ސިމްބޮލިކް ރެކޯޑްސްގެ ފުރަތަމަ އެނިމޭޓެޑް ވީޑިއޯ ލަވަ "ދަތިތައް" ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހޯދި، މަގުބޫލު ލަވައަކަށެވެ. އެކަން އެނގެނީ ލަވަ ބެލި ގިނަ ބަޔަކު މަސައްކަތަށް ތައުރީފުކުރަމުންދާތީ އެވެ. ހުނަރުވެރި މި މަސައްކަތުގެ ފަހަތުގައި ކުޅުދުއްފުށީގެ އާޓިސްޓެއްގެވެސް ބޮޑު ދައުރެއް އެބައޮތެވެ. ސިމްބޮލިކްގެ ފަރާތުން ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި، މުސްތޮފާ މުހައްމަދު (ކުލަފިހި) އޭނާގެ ހުނަރު ވަނީ ވަރަށް ފުރިހަމައަށް މި ލަވައިން ދައްކާލަދީފަ އެވެ. މި ކުޅުދުއްފުށި ފަހުރުވެރިވާ ފަދަ ހުނަރެކެވެ.
ރެޕްގެ ދުނިޔޭގައި ރާއްޖޭގެ ރަސްގެފާނު، ސިމްބޮލިކްގެ މި ފުރުސަތު މުސްތޮއަށް ލިބުނީ ސިމްބޮލިކްގެ އެންމެ މަގުބޫލު ޓޯއީގެ ފަރާތުންނެވެ. ހަގީގަތުގައި މި ލަވައަކީ މުސްތޮ އާއި ޓޯއީގެ މަސައްކަތެވެ. ރެޕްގެ މިހާ ވަރުގަދަ ލަވައެއް މުސްތޮ ހަދާފައިވާއިރު އޭނާ މި ހުނަރެއް ކުރި އެރުވި ގޮތަށް ބަލާލަން ޖެހެއެވެ.
މުސްތޮ އެންމެ ފުރަތަމަ ވީޑިއޯ ހަދަން ފެށީ އުމުރުން އެންމެ ދިހަ އަހަރުގަ އެވެ. އޭރު ވީޑިއޯ ހަދަނީ ޕަވަރ ޕޮއިންޓާއި މޫވީ މޭކަރ ބޭނުންކޮށްގެން، ކާޓޫ ވީޑިއޯ އެވެ. އެއީ ވަރަށް ކުރި އެވެ. ފަހުން އައިސް ހަމައެކަނި ކުރެހުމުގެ ކަންކަމުގައި އުޅުމަށްފަހު "ދަތިތައް" މި ލަވައަކީ މިގޮތަށް މުސްތޮ ކުރި ފުރަތަމަ މަސައްކަތެވެ.
ރާއްޖޭގެ ހިޕްހޮޕް އަދި ރެޕްގެ ވަރުގަދަ ރެކޯޑް ލޭބަލް ސިމްބޮލިކް ރެކޯޑްސް ފަދަ ބޭންޑަކާއެކު މިފަދަ މަސައްކަތެއްކޮށްލަން ލިބުމުން މުސްތޮ ހުރީ ވަރަށް އުފަލުންނެވެ. މިއީ އޭނާގެ މަސައްކަތަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި މަސައްކަތާ ދެތެރޭ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.
"ލަވަ އަކީ ބޮޑަށް ސިމްބޮލިކް އުފެދުނު ގޮތާއި ފެށިގެން އައިއިރު ހުރި ގޮންޖެހުންތަކުގެ މައްޗަށް އެލަވަ އެއިނީ. އޭރު ދިމާވި ދަތިތައް ދެން އެއީ. ލަވަ ކިޔަދެނީ ޕެސްޓް އާއި ޓޯއީ. އެނިމޭޑެޓް ލަވައެއް ކުރިއަކުން ނަހަދަން. މިއީ މިހާތަނަށް ހެދި އެންމެ ބޮޑު ޕްރޮޖެކްޓް." މުސްތޮ ބުންޏެވެ.
މުސްތޮ ފާހަގަކުރާގޮތުގައި މި ލަވަ އެނިމޭޓްކުރަން ވަރަށް ބޮޑަށް މުސްތޮއަށް ދޫކޮށްލި އެވެ. ބޭނުން ގޮތަށް ހިޔާލު ނެރެގެން ހަދަން ދޫކޮށްލީއެވެ. އޭނާގެ ހުނަރަށް އެމީހުންގެ އިތުބާރު އޮތެވެ.
"ގާތްގަނޑަކަށް މަހެއް ތެރޭގައި މަސައްކަތް ނިންމާލި ޓޯއީވެސް ހެލްޕްވި 50-50 ގެ މަސައްކަތެއް މިއީ. ވަރަށް ބޮޑަށް ޓްރަސްޓްކޮށްފައި ދޫކޮށްލާފައި އޮތީ މަސައްކަތް މުސްތޮއަށް. މީހުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓް ލިބޭ." މުސްތޮ ބުންޏެވެ.
މި މަސައްކަތުގައި މުސްތޮއަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކަށްވީ ލަވަ ނިންމަން ޖެހޭ މުއްދަތެވެ. ގާތްގަނޑަކަށް ލަވަ ނިންމާލާފައިވަނީ 45 ވަރަކަށް ދުވަސްތެރޭގަ އެވެ. ސިމްބޮލިކަށް ވެސް ލަވަ ފެންނަވަރުވީ ޕްރިމިއާ ނައިޓްގައި ކަމަށާއި ލަވަ ބަލާފައި ސިމްބޮލިކްގެ ފަރާތުންވެސް ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބުނުކަން މުސްތޮ ފާހަގަކުރި އެވެ.
މި މަސައްކަތާ ދޭ ތެރޭގައި މުސްތޮ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ފުރަތަމަ އެނިމޭޓްކުރި ލަވަ ގިނަ ބަޔަކަށް ކަމުގޮސް އެކަމާ ޕޮޒިޓިވް ފީޑްބެކް ލިބުމުންނެވެ. ދަތިތައް ލަވައިގެ އެނިމޭޝަންގެ އިތުރުން ކޯވަރެއްގެ އަލްބަމްގެ ކަވަރ ވެސް ޑިޒައިންކޮށްފައިވަނީ މުސްތޮ އެވެ. މި މަސައްކަތުން ހިތްވަރު ލިބި މުސްތޮ މިހާރު މަސައްކަތްކުރަން ގަސްތުކޮށްފައިވަނީ އެނިމޭޓެޑް ކާޓުނެއް ހަދަންށެވެ. މުސްތޮ ބުނީ އެކަމުގެ ކޮންމެ ވެސް ވަރެއްގެ މަސައްކަތެއް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
މިލަވަ ހެދުމުގައި މުސްތޮއާއެކު ހަރަކާތްތެރިވި ސިމްބޮލިކްގެ ރެޕް އާޓިސްޓް މުހައްމަދު ނަބީލް (ޓޯއީ) ބުނީ، މުސްތޮގެ މި މަސައްކަތާމެދު ސިމްބޮލިކްގެ މުޅި ޓީމުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ ކަމަށެވެ.
މަހެއްހާ ދުވަސްތެރޭގައި މި މަސައްކަތް ނިންމުން މިއީ މުސްތޮ އާއި ޓޯއީއަށް ކުރިމަތިވި ބޮޑު ޗެލެންޖެކެވެ. އެހެންވެ މަސައްކަތްތައް ކުރަމުންދިޔައީ ދެ މީހުންނަށް ބަހާލައިގެންނެވެ. ޓޯއީ ބުނީ ބައެއް ސީންތަކުގައި ދެ މީހުން އެނިމޭޓްކޮށްފައިވާއިރު މުސްތޮ ކުރަހަމުންދާއިރު ޓޯއީ އެނިމޭޓްވެސް ކޮށްފައިވާނެކަމަށެވެ.
ކުރިއަށް އޮތްތަނުގައިވެސް މުސްތޮގެ އިތުރު މަސައްކަތަކެއް ފެންނާނެކަމަށް ވަރަށް އުންމީދުކުރާ ކަމަށް ޓޯއީ ބުންޏެވެ.
’ކޯވަރެއް‘ އަލްބަމްގައި 20 ލަވަ ހިމެނޭއިރު، މިއީ ސިމްބޮލިކުން ގާއިމުކޮށްފައިވާ، "ދަތިތައް" މި ވީޑިއޯ ލަވަ ބަލާލެވޭނީ ހަމައެކަނި ބައިސްކޯފުންނެވެ.