އަމިއްލަ މީހުންގެ އެކައުންޓްގައި ހުންނަ ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޔާސަތެއް ނޫން ކަމަށް ބުނެފި އެވެ.
އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭކަމަށް ތުހުމަތުކޮށް މިއަދު އޮންލައިން ނޫހަކުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.
ޑޮލަރުގެ ބްލެކް މާކެޓު ނައްތާލަން ސަރުކާރުން ފިޔަވަޅު ތަކެއް އަޅަން ތައްޔާރު ވަމުންދާ ވަގުތެއްގައި އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭ ކަމަށް ވާހަކަ ފެތުރެމުންދާތީ އެމްއެމްއޭ އިން މިއަދު ބުނީ މިގޮތަށް ހުންނަ ޑޮލަރު ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެ ނޫހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމާއި، އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހަދަން ސަރުކާރުން ސިޔާސަތު ބަދަލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކޮވިޑް19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި އާންމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި އެވެ.
އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އެމްއެމްއޭ އިން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިނެވެ.