ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފި އެވެ.
މި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެކެވެ.
ޑަބްލިޔުއެޗްއޯއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ދެކުނު ކޮރެއާގެ އެސްކޭ ބަޔޯސައިންސް ކުންފުންޏާއި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުން ކުރަން ހުއްދަ ކުރާ ސިއްހީ އުފެއްދުންތަކުގެ ލިސްޓު (އީޔޫއެލް)ގައި މިހާރު ވަނީ ހިމަނާފަ އެވެ.
ޑަބްލިޔުއެޗްއޯއިން އެ ހުއްދަ ދިނީ އެސްޓްރާޒެނެކާގެ ވެކްސިން ޖަހަން އެ ޖަމިއްޔާގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން އިން ލަފާ ދިން ފަހުންނެވެ.
އެ އެޑްވައިޒަރީ ގުރޫޕުން ވަނީ ވެކްސިންގެ ދެ ޑޯޒްގެ ދޭތެރޭ އަށެކާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއް ދޫކުރުމަށް ފަހު، 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމަށް ލަފާ ދީފަ އެވެ. އަދި ކޮރޯނާވައިރަހުގެ އާ ވޭރިއެންޓް ފެތުރިފައިވާ ގައުމުތަކުގައިވެސް އެ ވެކްސިން ދިނުން ރަނގަޅު ކަމަށް އެ ގުރޫޕުގެ މާހިރުން ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަމާއި އޭގެ ކާމިޔާބީ އެ ޖަމިއްޔާގެ މިންގަނޑުތަކަށް ފެތެ އެވެ. އަދި އެސްޓްރާޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިންއިން އާ ވޭރިއެންޓުގެ ސީރިއަސް ކޭސްތައް ހުއްޓުވައިދޭ ކަމުގެ އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.
ވެކްސިން ހަލުވިކަމާ އެކު އެކި ސަރަހައްދުތަކަށް ފޯރުކޮށްދޭނެ ގޮތްތައް ގޮތްތައް ހުރި ނަމަވެސް ވެކްސިން އުފައްދާ މިންވަރު އެބަ އިތުރު ކުރަން ޖެހޭކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.