- ފޯކައިދޫގައި 170 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދޭ
- ބަނދަރާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ހިމެނޭ
މީގެ ދުވަސްކޮޅެއް ކުރިން ށ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ސޯޝަލް މީޑީއާގައި ކުރެއްވި ސުވާލެކެވެ،. އެރަށުގައި މިހާރު ކިއްތަށް ހައިމާކު އެބައޮތްތޯ އެވެ. ރަނގަޅު ޖަވާބުދިމާކުރާ ފަރާތްތަކަށް ކުޑަ ފައިސާގެ އިނާމެއްވެސް ހުށައެޅުއްވި އެވެ. މިހާރު އެކަން ނިމި ޖަވާބު ދިމާކުރި ފަރާތަށް އިނާމުދީވެސް ނިމިއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ރާޝިދު އެ ވިދާޅުވަނީ އަސްލު އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދަދެވެ. ހައިމާކުގެ އަދަދުތަކުން އެކަން ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ. ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން ހައިމާކު ބޭނުންކުރަނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށެވެ. ރާޝިދު އެހެން ވިދާޅުވިއިރު އެރަށުގައި ކުރިއަށްދާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި ބޭނުންކުރުމުގައި 6 ހައިމާކު އޮތެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، މި ސަރުކާރު އައި ފަހުން އެރަށުގައި ތަރައްގީ ބޮޑެތި މަޝްރޫއުތަކެއް ފަށައި ކުރިއަށްދާ ކަމަށެވެ. އެތަކެއް ޒަމާން ވަންދެން އެރަށު ރައްޔިތުން އެދެމުންދިޔަ ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެށިގެން ކުރިއަށްދާކަން ރާޝިދު ވިދާޅުވި އެވެ.
މި މަޝްރޫއުތަކަކީ ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި އެރަށުގައި ރައްޔިތުންނަށް ވެދެއްވި ވައުދުތަކެވެ. ރިޔާސީ އިންތިހާބުގައި ށ އަތޮޅުގައި ބޭއްވި ބޮޑު ދެ ޖަލްސާގައިވެސް ފޯކައިދޫގައި ބޭއްވިއިރު އެރަށަށް ގިނަ ވައުދުތަކެއް ރައީސް ސޯލިހް ވެވަޑައިގެންނެވި އެވެ.
ފޯކައިދޫ ކައުންސިލުން ހާމަކުރާގޮތުގައި އެރަށުގައި މިވަގުތު ގާތްގަނޑަށް 170 މިލިއަން ރުފިޔާގެ ތަރައްގީ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
ރާޝިދު ވިދާޅުވީ، އޭގެ ތެރެއިން މުހިންމު ގިނަ މަޝްރޫއުތައް ފެށިފައިވާއިރު ބަނދަރުގެ މަޝްރޫއު ފާހަގަކުރައްވާ ވިދާޅުވީ، ޒަމާންވީ ލަފާފުރުމުގެ މައްސަލަވެސް ހައްލުވެގެންދާނެ ކަމަށެވެ. ހަލާކުވެފައިވާ އެރަށުގެ ބަނދަރު ބޮޑުކޮށް އަލުން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ.
ބަނދަރުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ އެޅުމުގެ މަސައްކަތާއި ފެނުގެ ހިދުމަތް އަދި އާ އިންޖީނުގެ އެޅުމުގެ މަސައްކަތުގެ އިތުރުން ބޯޅަދަނޑުގައި ޓާފް އެޅުމުގެ މަސައްކަތާއި އައުޓްޑޯ ޒިމްގެ ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެ އެވެ. ފޯކައިދޫ ސްކޫލްގެ ޖާގައިގެން މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ދެ ކުލާސް ރޫމްގެ މަސައްކަތުގެ އިތުރުން ހަތަރު ބުރީ ކުލާސް ރޫމް އިމާރާތަކާއި މަލްޓިޕާޕަސް ހޯމްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަސްތެރޭގައި ސަރަހައްދީ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ހަދަން އިއުލާންކުރެވޭނެ ކަމަށެވެ. އަދި ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަކަށް އިންޑިޔާގެ އެހީގައި ހަދާ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ރާޝިދު ވިދާޅުވި އެވެ.
ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް ގިނަ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެ އެވެ.