twitterviber whatsapp telegramfacebookyoutube instagram
18th May 2025

ފޯކައިދޫގައި އަޅަން ނިންމި އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވަނީ ކައުންސިލްގެ ސަބަބަކުން ނޫން

ރަށުގެ ކުރިއެރުމާ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީން އާސިފް ރައްޔިތުންނަށް ދެއްވި.

އަބްދުލް ވާހިދު ޙަސަން
May 18, 2025

ށ ފޯކައިދޫގައި ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވަނީ ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ނުލިބޭތީކަމަށް ބުނެ ފަތުރާ ވާހަކަތައް ކައުންސިލްގެ ރައީސް އަހުމަދު އާސިފް ދޮގުކުރައްވައިފި އެވެ.

ފޯކައިދޫގައި ސަރުކާރުން ގާއިމުކޮށްދިނުމަށް ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވަނީ ކައުންސިލްގެ ސަބަބުން ކަމަށާއި ކައުންސިލުން އެއްބާރުލުން ނުދޭތީކަމަށް ބުނެ ފޯކައިދޫ ޕީއެންސީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑީއާގައި ވާހަކަދައްކަމުންނެވެ.

އެކަމާ ގުޅިގެން ކައުންސިލްގެ ރައީސް އާސިފް ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވަނީ ކައުންސިލްގެ ސަބަބުން ނޫންކަމަށް ވިދާޅުވެ އެކަން ވަނީ ސާފުކޮށްދީފަ އެވެ.

އެގޮތުން އާސިފް ވިދާޅުވީ، ފުރަތަމަ ކައުންސިލަށް މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ލިޔުމެއް ލިބިފައިވަނީ 11 މާރޗް 2025 ގައި ކަމަށާއި ސިޓީގައި އެދިފައިވަނީ 25 މާރޗް 2025 ގެ ކުރިން ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންވުމުން ރައްޔިތުން އެދޭ ގޮތް ސާފުކުރުމަށް ކައުންސިލުން 24 މާރޗް 2025 ވަނަ ދުވަހު ރައްޔިތުންގެ ބައްދަލުވުން ބާއްވާ ރައްޔިތުން އެދުނު ކަންކަން ހިމަނައި މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.

އެއަށްފަހު 20 އޭޕްރީލް 2025 ގައި މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމުމަށް 15 މާރޗް 2025 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވިފައިވާކަމަށެވެ. އަދި މި މަސައްކަތް ހަވާލު ކުރެވިފައިވަނީ 365 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށް ކަމަށާއި މަރުކަޒު އަޅަން ކަނޑައަޅާފައިވާ ބިމާއި ހަވާލުވުމަށް ކުރިއަށް އޮތް 7 ދުވަސް (20 އޭޕްރީލް އިން ފެށިގެން) ތެރޭ ކައުންސިލަށް އައުމަށް ކޮންޓްރެކްޓަރަށް އެންގިފައިވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ، ކައުންސިލްގެ ސިޓީއާ ގުޅިގެން މިނިސްޓްރީން 21 އޭޕްރީލް 2025 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްލާމިކް ސެންޓަރުގެ ކުރެހުން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކައުންސިލުން އެދިފައިވާ ކަންތައްތަކަށް ރިއާޔަތް ކުރާނެކަމަށާއި އެއަށް ފަހުން އަދި އެއްވެސް މުއާމަލާތެއް ހިނގާފައިނުވާއިރު، ކުރިއަށް އޮތް 7 ދުވަސްތެރޭ އަންނަން ބުނި ޓީމު 28 ދުވަސްވީ އިރުވެސް އެއްވެސް ހަބަރެއްވެފައި ނުވާކަމަށް އާސިފް ވިދާޅުވި އެވެ.

ރަށުގެ ކުރިއެރުމާ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީން އާސިފް ރައްޔިތުންނަށް ދެއްވި އެވެ. އަދި ކަންކަން ނުވާނަމަ ނުވަތަ ލަހުން ކުރެވޭނަމަ އެކަމުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި ނާޅުވާ ޒިންމާދާރު މަސައްކަތެއް ކުރުން މުހިންމުކަމުގައި އާސިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355