ށ. ފޯކައިދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހެދި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި އެވެ. އިއްޔެ ހަވީރު މި ވޮލީ ކޯޓު ހުޅުވައިދެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ، މިއީ ވޮލީބޯޅަ ކުޅުމަށް ޝައުޤުވެރިވާ ޒުވާނުންގެ ފަރާތުން ކައުންސިލްގައި އެދެމުން ގެންދިޔަ ވަރަށް ބޮޑު އެދުމެއް ކަމަށާއި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށެވެ.
މި މަސައްކަތަކީ ސައްތައިން ސައްތަ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެދިޔަ މަޝްރޫއެއް ކަަމަށާއި، ކޯޓުގެ ބޭސް ހެޅުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލްގެ މުނިސިޕަލް ޓީމުން ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ފެންސް ޖެހުމާއި، އިތުރަށް ތަރައްްޤީ ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަމެއް ނިންމާލެވޭނެ ކަމަ އާސިފް ވިދާޅުވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް ދިން ބާރާއެކު ށ. ފޯކައިދޫ ކައުންސިލް ފާހަގަކުރެވެނީ ރަށުގެ ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ވަރަށް ހިންގުންތެރި ކައުންސިލެއްގެ ގޮތުގައެވެ.




