twitterviber whatsapp telegramfacebookyoutube instagram
29th October 2025

ފޯކައިދޫ ކައުންސިލުން އެރަށުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް ތަރައްގީކުރަނީ

އަބްދުލް ވާހިދު ޙަސަން
Oct 29, 2025

ށ ފޯކައިދޫގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް ތަރައްގީކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.

ދެ ބުރިއަށް އިމާރާތްކުރާ މި ފެރީ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރިސްޓީޖް ބިލްޑަރސްއާ 2.67 މިލިއަން ރުފިޔާއަށް، 130 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފޯކައިދޫ ރައީސް އަހުމަދު އާސިފް ކޭއޯއަށް ވިދާޅުވީ، ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އެރަށު އުސް ފަސްގަނޑު ތަރައްގީކުރުމުގެ ފިޔަވަހީގެ ތެރެއިން ފުރަތަމަ ފިޔަވަހި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ކުރިއަށްދާނީ ފެރީ ޓާމިނަލްގެ މަސައްކަތް ކަމަށެވެ. އެގޮތުން ދެ ބުރިއަށް އިމާރާތްކުރާ މި ފެރީ ޓާމިނަލްގައި ރެސްޓޯރަންޓްއަކާއި ފާހާނާ، ވީއައިޕީ ރޫމަކާއި ނަމާދުކުރާ ބައެއް ހިމެނޭނެ ކަމަށެވެ. އަދި ބަނދަރުގެ ރަސްމީ ފާލަމާ ގުޅުވާލާ 95 ފޫޓްގެ ވޯރކްވޭއެއްވެސް ހިމެނޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އަދި ދެވަނަ ފިޔަވަހީގެ ދަށުން އެސަރަހައްދުގެ އަސްލު ނުގެއްލޭގޮތަށް ޕާރކެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް އާސިފް ވިދާޅުވި އެވެ. އެ މަޝްރޫއު ފޯޓްތައްވެސް ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް ލިބުނު މާލީ ބާރުވެރިކަމުގައި ގިނަ ކައުންސިލްތަކަކުން ރަށުގެ ތަރައްގީއަށް އަންނަނީ ގިނަ މަސައްކަތެއްކުރަމުންނެވެ. އެކަމަކު ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާ ފާސްކުރި އިސްލާހްތަކާއެކު ކައުންސިލްތަކުން ކުރަމުންދިޔަ ގިނަ މަސައްކަތްތަކަށް ވަނީ ބުރޫއަރާ، ބައެއް މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355