twitterviber whatsapp telegramfacebookyoutube instagram
24th October 2025

ކައުންސިލުން ފޯކައިދޫ ސްކޫލްގެ ހޯލްގައި އޭސީ ހަރުކޮށް ފިނިކޮށްދީފި

Oct 23, 2025

ށ. ފޯކައިދޫ ކައުންސިލުން އެ ރަށު ސްކޫލުގެ ހޯލުގައި އޭސީ ހަރުކޮށް ފިނިކޮށްދީފި އެވެ.

މި މަސައްކަތް ކައުންސިލުން ކޮށްފައިވަނީ މަސައްކަތު ތާވަލުގައި ހިމަނައި ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޕްގުރޭޑްކުރުމުގެ ގޮތުންނެވެ.

ކައުންސިލް ރައީސް އަހުމަދު އާސިފް ކޭއޯއަށް ވިދާޅުވީ, މި ޕްރޮޖެކްޓްގެ ދަށުން، ސްކޫލް ހޯލް އޭސީ ކުރީ 24000 ބީޓީޔޫގެ 10 އޭސީ، 12000 ބީޓީޔޫގެ 2 އޭސީ ހަރުކޮށްގެން ކަމަށެވެ. އަދި، އެ ޕްރޮޖެކްޓްގެ ދަށުން ހޯލުގެ ވަށައިގެން 300 ފޫޓް ޖާގައިގެ ސަރަހައްދެއްގައި ކާޓެއިން ދަމާ ނިންމާލާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ހޯލުގެ އަލި މަޑު މައްސަލަ ހައްލު ކުރުމަށް ހޯލުގެ ލައިޓް ބަދަލުކުރުމަށް ބޭނުންވާ ލައިޓް 4 ފޫޓުގެ 52 ލައިޓްވެސް ގެނެސްފައިވާ ކަމަށެވެ. އާސިފް ވިދާޅުވީ ހޯލުގައި ހަދާފައިވާ ބެކްޑްރޮޕް ހެދުމަށް 30 ފްލައިވުޑް ފިލާވެސް ވަނީ ސްކޫލަށް ދެވިފައިވާ ކަމަށެވެ.

ކައުންސިލުން މި ދައުރުގައި މީގެ ކުރިން ވެސް ސްކޫލްގެ ކުރިއެރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެގޮތުން ސްކޫލްގެ 13 ކްލާސްރޫމެއްގައި 65 އިންޗީގެ ގޫގުލް ޓީވީ ހަރުކޮށްދިނުމާއި، ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް ކޭޓަރ ކުރެވޭވަރުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިދިނުމާއި، ސްކޫލްގެ 4 ބުރީގެ އިމާރާތުގައި އަލިފާންނިވި ހަރުކޮށްދިނުމާއި، ސްކޫލްގެ ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ސާމާނު ހަދިޔާކޮށްދީފައިވެ އެވެ.

އަދި ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ޕާކިންގ އެއް ހަދައިދީ ސްކޫލްގެ ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކުރުމަށްވެސް -/35000 ގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވެ އެވެ.


އާސިފް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ، ދަރިވަރުންގެ ކުރިއެރުމަށްޓަކައި، ސްކޫލަށް ބޭނުންވާ ކަންތައްތައް ބަލާ، ކައުންސިލްގެ ޤާބިލްކަން ހުރި މިންވަރަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ފޯކައިދޫ ސްކޫލްގެ ނަތީޖާއަށް އަންނަ ހެޔޮ ބަދަލު ފާހަގަކޮށް ކައުންސިލުން އެކަމާ އުފާކުރާކަމުގައި އާސިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355