ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙްގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން ރައީސްވަނީ އިންޑިޔާގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނުމަކީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ މި ކަންކަމަށް އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ޤާއިމުކޮށްފައިވާ "އެއަރ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަހާގަކުރައްވާފައެެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އެ މަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އަލިއަޅުއްވައިލައްވާފައެވެ. ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ މަނިކުފާނު ވަނީ ރާއްޖެއަށް ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.