twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު ފުޓުބޯޅަ މުބާރާތުގައި ކުޅުދުއްފުށީގެ އެއްވެސް ޓީމެއް ބައިވެރިއެއްނުވޭ

May 19, 2011

މުހައްމަދު އިސްމާއިލް

އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން މިއަހަރު ބާއްވަންފަށާ އަތޮޅު ފުޓުބޯޅަ މުބާރާތުގައި ކުޅުދުއްފުށީގެ އެއްވެސް ޓީމެއް ބައިވެރިނުވާކަމަށް އެފްއޭއެމް އިން މައުލޫމާތު ދީފިއެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ފުޓުބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލެއް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު 57 ޓީމު ބައިވެރިވި ވެފައިވާއިރު ކުޅުދުއްފުށީގެ އެއްވެސް ޓީމެއް ބައިވެރިވެފައި ނުވާކަމަށެވެ.

މިއަހަރުގެ އަތޮޅު ފުޓުބޯޅަ މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވެފައި ވަނީ 4 ރަށަކުން 5 ޓީމެވެ. އެއީ ހަނިމާދޫ، ނައިވާދޫ އަދި ކުމުންދޫގެ އިތުރުން ނޮޅިވަރަމްގެ ދެޓީމެވެ. މުޅި ރާއްޖެއިން 12 އަތޮޅަކުން މުބާރާތުގައި ބައިވެރިވި 57 ޓީމުގެ ތެރެއިން ލ. އަތޮޅުގެ އެއްޓީމު މިހާރުވަނީ މުބާރާތުން ވަކިވެފައެވެ.

އެފްއޭއެމްގެ ފަރާތުން ވާހަކަ ދައްކަމުން އެފްއޭއެމްގެ އޮފިޝަލެއް ކަމުގައިވާ ދޮނާ ވިދާޅުވީ އަތޮޅު މުބާރާތުގެ އިތުރުން އެހެން އަހަރުތަކުގައި އޮންނަ ޒޯން މުބާރާތާއި މާލޭ ބުރު މިއަހަރު ނޯންނާނެއެވެ. މީގެކުރިން ދިވެހި ލީގުގައި ބައިވެރިވުމަށް ކުރިން ޒޯން މުބާރާތުގެ އެއްވަނަ ޓީމަށް ފުރުސަތު ލިބުން ކަމުގައިވިޔަސް، ރަށްރަށުން އަންނަ ޓީމުތައް ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތިބުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުރަން ފަސޭހަ ކަމަކަށް ނުވާތީ މިއަހަރު އެބައި ކެންސަލްކޮށްލާފައި ވާކަމަށާއި ނަމަވެސް މިއަންނަ އަހަރު ޒޯން ތަކުން އަންނަ ޓީމުތަކަށް މާލޭގެ ޓީމުތަކާއި ވާދަކުރެވޭނެ ކުރު މުބާރާތެއް ރާވަމުން ދާކަމަށް ދޮނާ މައުލޫމާތު ދެއްވިއެވެ .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355