ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކޮށްފައިވާ ކަމަށާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އީސީން ބުނީ ފެބްރުއަރީ 9 ވަނަ ދުވަހު ގެޒެޓްގައި ޝާއިއުކުރެވުނު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަދަލުގެނެވިފައިވާ ކަމަށާއި މި ރަޖިސްޓަރީ ގެޒެޓް އަދި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެއިތުރުން ( VR space IDNO Send to) 1414 އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުން ފެށިގެން މާރޗް 11ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30ން މެންދުރުފަހު 1:30ށް ކަމަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00ން މެންދުރުފަހު 1:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00ން ހަވީރު 5:00 އަށެވެ.
މީގެ އިތުރުން އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި، ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.