ކޮވިޑް-19 އަށް ޕޮޒިޓިވް ހައި ރިސްކު 100 މީހަކު ފެސިލިޓީއަށް ދާން ދެކޮޅު ހަދައި ގޭގައި އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮނީޓަރިން ކްލަސްޓާގެ ފަރާތުން ސަނާ ސަލީމް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް 1516 މީހަކު މިވަގުތު ހޯމް އައިސޮލޭޝަނުގައި އެބަތިބި ކަމަށަށާއި ނަމަވެސް އެމީހުންގެ ތެރެއިން ހޯމް އައިސޮލޭޝަން ކްރައިޓީރިއާ އަށް ފިޓުވާ ތިބީ 1405 މީހުން ކަމަށެވެ.
އޭގެތެރެއިން ހޯމް އައިސޮލޭޝަންގައި ތިބި ހައިރިސްކު މީހުން ފެސިލިޓީއަށް ދާން ދެކޮޅުހަދާފައިވާ ކަމަށާއި މިދިޔަ 14 ދުވަަށް ބަލާއިރު ހައިރިސްކު 100 މީހުން ގޭގައި އެބަތިބި ކަމަށެވެ. އަދި ކޭސްތަކުގެ ތެރެއިން އެ މަޖެންސީ ހާލަތެއް ދިމާނުވި ނަމަވެސް ފެސިލިޓީ އަކަށް ދާން ބޭނުން ނުވާ 11 މީހުން ތިބި ކަމަށްވެސް ސަނާ ވިދާޅުވި އެވެ.
ގޭގައި ތިބޭ މީހުންނަށް ގުޅައި ހާލު އޮޅުންފިލުވުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާލު ބަލަން ގުޅާއިރު ޕޭޝަންޓުގެ ފަރާތުން މައްސަލަ އެއް ހުށަހަޅައިފިނަމަ އެކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށާއި ޕޮޒިޓިވް މީހުންގެ އިތުރުން ކޮންޓެކްޓުންގެ ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ 65 އަހަރުން މަތީގެ ބޭފުޅުންނާ 10 އަހަރުން ދަށުގެ ކުޑަކުދިނާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހުންގެ ހާލުވެސް ބަލަމުން އަންނަ ކަމަށް ސަނާ ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް19ގެ 2،535 އެކްޓިވް ކޭސް އެބައޮތެވެ. އޭގެ ތެރެއިން 165 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.