މީދޫ އެކުވެރިންގެ ޗޭނާއި ލޭންޑެ ސީ މޯލްޑިވުސް ގުޅިގެން އަންހެނުންގެ ދުވަހަށް ހާއްސަކޮށް "އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުވުން" މި މައުސޫއަށް ޕެނަލް ޑިސްކަޝެނެއެއް ބާއްވައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަންގެ މޮޑެރޭޓާއަކީ ނަޒީފެވެ. ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވާފައި ވަނީ ލޭންޑް ސީ މޯލްޑިވުސްގެ ޑިވެލޮޕްމެންޓް އެޑްވައިޒާ އިބްރާހިމް މުހައްމަދު، މީދޫ އެކުވެރިންގެ ޗޭނުގެ ރައީސާ ޝައްފާފް ރިޟްވާން، މާލޭ ޓިނޭންޓްސް ޔޫނިއަންގެ ކޯ ފައުންޑާރ ފާތިމަތު ސާއިރާ އަދި ކުޅުދުއްފުށީ ބިޒްނަސް ސެންޓާރގެ މެނޭޖާރ އަރީސާ މޫސާ އެވެ.
މައުޟޫއާއި ގުޅޭގޮތުން ބައިވެރިން ވަނީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް ޕޮލިސީ ލެވެލްއިން ބާރުލިބެންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮޮށްފަ އެވެ. މީގެ އިތުރުން އަންހެނުންގެ އިޤްތިޞާދީ ދައުރުގެ އަގު ވަޒަންކޮށް ބަލައިގަންނަންޖެހޭ ކަމަށެވެ.
އަންހެނުންނަށް ހާއްސަކުރެވިގެން ދެވޭ ލޯންތައް ލިބެން އޮތުމާއި ފުރުސަތުތަކެއް އޮވެގެން މަސައްކަތް ކުރިނަމަވެސް މަސައްކަތްކޮށްގެން އުފައްދާ ތަކެތި (މިސާލަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް) މާރކެޓް ކުރެވޭނެ ފަސޭހަ މަގެއް ފަހިވެފައި އޮންނަންޖެހޭ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އިތުރުކޮށް ކުރިއަރާނެ މަގުފަހި ކޮށް ދިނުމުގެ ގޮތުން ޓެކްނިކަލް ގޮތުންނާއި އަދި އިތުރު ރޮނގުރޮނގުން މަސައްކަތް ކުރިއަރުވަން ބޭނުންވާ ތަމްރީނުތައް ފަސޭހަކަމާއެކު ލިބެންޖެހޭ ކަމަށާއި ރިސޯޓްތަކުގެ ޑިރެކްޓް ސާވިސް ނޫން ބައެއް މަސައްކަތްތަށް ރިސޯޓުން ބޭރު ރަށްރަށުގައި ގާއިމްކޮށް ހިންގައި ވަޒީފާގެ ފުރުސަތު ލިބޭނެ މަގު ފަހިވެފައި އޮތުން މުހިއްމުކަމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
ކޮމިއުނިޓީތަކުން ރިސޯޓްތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެ ހަރަކާތްތައް ރާވައި ހިންގާނެ ފުރުޞަތު ފަހިވެފައި އޮންނަންޖެހޭ ކަމަށްވެސް ޕެނަލިސްޓުން ފާހަގަ ކުރެއްވި އެވެ.
އެއްގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިންގެ ވާހަކަ ނިމިގެން ދިޔައިރު ބައިވެރިން ފާހަގަ ކޮއްފައިވަނީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް ގާނޫނަކުން ބާރުލިބިގެން ކަންތައްތަކެއް ރޭވިއްޖެނަމަ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިވެ ކުރިއަރާނެ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.