twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ޖިނާޢީ ކުށަކާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓިދާނެ!

Mar 18, 2021

ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިދާނެތޯއެވެ؟ އަދި މިފަދައިން ޕާސްޕޯޓު ހިފަހައްޓާނަމަ، ހިފެހެއްޓޭނީ ކިހިނެއްތޯއެވެ؟ އަދި ކިހާ މުއްދަތަކަށްތޯއެވެ؟ މިއީ ޕާސްޕޯޓު ހިފެހެއްޓިފައިވާ މީހަކާއި، އެމީހެއްގެ ޢާއިލާއަށް އެނގުން މުހިއްމު މަޢުލޫމާތުތަކެކެވެ. ވީމާ، ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭގޮތުން ޤާނޫނީ އޮތްގޮތަށް ބަލާލަމާތޯއެވެ؟

ޕާސްޕޯޓު ހިފެހެއްޓުން

މީހަކު ޖިނާޢީ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކި ލިބި، އޭނާ ފިލައިގެންދާން އުޅޭކަމަށް ބެލެވޭނެ ހެކި ލިބިފައިވާނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމުގެ ބާރު ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ. މިސާލަކަށް، ރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުކުރެވި ދަޢުވާ އުފުލިފައިވާ މީހަކު، ކުށުގެ އަދަބުން ސަލާމަތްވާންވެގެން ރާއްޖެ ދޫކޮށް ފިލައިގެން ހިނގައިދާނެކަމަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަދަ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދެވިދާނެއެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރަށް އެދުން

ޖިނާޢީ ކުށަކާއި ގުޅިގެން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ޖިނާޢީ ކުށެއް ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކޮށްފާނެކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ މީހަކު ފިލައިގެންދިއުން ހުއްޓުވުމަށްޓަކައި، އެމީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް، ޤާނޫނު ތަންފީޛުކުރާ އިދާރާއިން ކޯޓު އަމުރަކަށް އެދޭއިރު ވަކި މަޢުލޫމާތުތަކެއް ކޯޓަށް ފޯރުކޮށްދޭންޖެހެއެވެ. އެގޮތުން ހިފަހައްޓަން ބޭނުންވާ ޕާސްޕޯޓުގެ މަޢުލޫމާތާއި، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކުރަންއުޅޭ ނުވަތަ ކުރަމުންދާ ނުވަތަ ކޮށްފައިވާ ކުށުގެ މަޢުލޫމާތު ޙިއްޞާކުރަންޖެހޭނެއެވެ. އަދި ކުށާއި ގުޅިގެން ލިބިފައިވާ ހެއްކާއި، ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާންއުޅޭ ސަބަބާއި، ފިލައިގެން ހިނގައިދާނެކަމަށް ލިބިފައިވާ ހެކިތަކަކީ ކޮބައިކަންވެސް ކޯޓަށް އަންގަންޖެހޭނެއެވެ. ހަމައެހެންމެ، އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބާއި، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވަނީ ކިހާ މުއްދަތަކަށްކަން ކޯޓު އަމުރަށް އެދޭއިރު ބަޔާންކުރަންވާނެއެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރު

މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރޭއިރު، އެ އަމުރުގައި ވަކި މަޢުލޫމާތުތަކެއް ބަޔާންވެގެންވުން ޤާނޫނު ލާޒިމުކުރެއެވެ. އެގޮތުން، އެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ މަޢުލޫމާތާއި، އޭނާ ކުރަންއުޅޭ ނުވަތަ ކުރަމުންދާ ނުވަތަ ކޮށްފައިވާ ކުށާއިގުޅާ މަޢުލޫމާތާއި، ރާއްޖޭއިން ފުރިޔަނުދީ ހިފަހައްޓަން ބޭނުންވާ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ. ހަމައެފަދައިން، އެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފެހެއްޓޭނީ ކިހާ މުއްދަތަކަށްކަން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އެ އަމުރުގެ ދަށުން، އެ އަމުރުގައި ބަޔާންކުރާ ފަރާތުގެ ޕާސްޕޯޓު ހިފެހެއްޓޭކަމާއި، އޭނާ ފުރައިގެން ދިއުން މަނާކުރެވޭކަމާއި އަދި ޕާސްޕޯޓު ހިފެހެއްޓެނީ ކިހާ މުއްދަތަކަށްކަން ބަޔާންވެފައި އޮންނަންވާނެއެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރޭއިރު ރިޢާޔަތްކުރާނެ ކަންކަން

މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށްއެދި، ޤާނޫނު ތަންފީޛުކުރާ އިދާރާއިން އެދިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގައި ވަކި ކަންތައްތަކަކަށް ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެއެވެ. އެގޮތުން، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކުށެއްކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފައިވާކަމަށް ހެކި ލިބިފައިވާންޖެހޭނެއެވެ. އަދި އެމީހަކު ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ހިނަގައިދާނެކަމަށް އެކަށީގެންވާ ހެކި ލިބިފައިވުމާއެކު، އޭނާ ފުރިޔަނުދީ ރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތްތޯ ފަނޑިޔާރު ބަލަންވާނެއެވެ.

އަމުރު ތަންފީޛުކުރުން

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފިކަމުގައިވާނަމަ އެ އަމުރު ތަންފީޛުކުރުމަށްޓަކައި، އެ އަމުރު ނެރޭ ތާރީޚުގައި އެ އަމުރުގެ ކޮޕީއެއް، މޯލްޑިވްސް އިމިގްރޭޝަނަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ފޮނުވަންވާނެއެވެ. އަދި އެ އަމުރު ރައްދުވާ ފަރާތަށް، އެ އަމުރުގެ ކޮޕީއެއް ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 36 ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ.

އަމުރު ބާޠިލުވުމާއި ބާޠިލުކުރުން

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފިނަމަ، އެ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުން އެ އަމުރެއް ބާޠިލުވާނެއެވެ. އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވިކަމުގައިވިޔަސް އެ އަމުރު ނެރުނު މަޤްޞަދު ޙާޞިލުވެއްޖެނަމަ، ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާޠިލުކުރާނެއެވެ.

ނިންމުން

ޖިނާއީ ކުށެއްގެ ސަބަބުން މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމަކީ، މީހެއްގެ ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް އެޅޭނެ ހުރަހެއް ކަމުގައިވީހިނދު، އެފަދަ އަމުރެއް ނެރެދާނެ ޙާލަތަކީ ކޮބައިކަމާއި އަދި އެފަދަ އަމުރެއް ނެރޭނަމަވެސް، ނެރެވޭނީ ކޮން އިޖުރާޢަތްތަކެއްގެ މަތިންކަން އެނގި ތިބުމަކީ، މުހިއްމު ކަމެކެވެ.

އާޓިކަލް ލިޔުނީ އަލްއުސްތާޛާ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355