twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގާނޫނީ ކޮލަމް: އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ކަންތައްކުރާނީ ކިހިނެއް!؟

Apr 1, 2021

ދެފަރާތެއްގެ ދެމެދުގައި ވަކި ކަމަކަށް އެއްބަސްވާފަހުން، އެއްބަސްވުމުގެ ބައިވެރިއެއް އެ އެއްބަސްވުމާ ޚިލާފުވަނީ މަދު ޙާލަތެއްގައެއްނޫނެވެ. މިސާލަކަށް ކުއްޔަށް ތަނެއް ދޭން އެއްބަސްވެފައި އޮއްވާ، އެޑްވާންސް ފައިސާ ނެގުމަށްފަހު އެތަން ކުއްޔަށްދޭން ދެކޮޅުހަދާފާނެއެވެ. ނުވަތަ ކުއްޔަށް ހިފާފައިވާ ތަނެއް ބޭނުންކޮށް، އެތަނުގެ ކުލި ނުދައްކާފާނެއެވެ. ތަނެއް ހެދުމަށް އެއްބަސްވެ، އެތަނެއް ނުހަދަފާނެއެވެ. ނުވަތަ ނިންމަން ބުނެފައިވާ ތާރީޚަށް ނުނިމިދާނެއެވެ. މިއިން ކޮންމެ ޙާލަތަކީވެސް، އެއްފަރާތެއް އެއްބަސްވުމާއި ޚިލާފުވެ އެފަރާތުގެ ޢަމަލެއްގެ ސަބަބުން އަނެއް ފަރާތަށް ގެއްލުންވާ ޙާލަތްތަކެވެ. ވީމާ މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ، އެ ގެއްލުމަކުން އަރައިގަތުމަށް ނުވަތަ ފޫބެއްދުމަށް ޤާނޫނީގޮތުން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާލަމާތޯއެވެ؟

ކޯޓުން ބޭރުން މައްސަލަ ޙައްލުކުރުން

ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން، ދެފަރާތުގެ ދެމެދުގައި ވާހަކަދައްކާ، ސެޓްލްމެންޓް އެއްބަސްވުމެއް ނުވަތަ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލެވިދާނެއެވެ. މިފަދަ އެއްބަސްވުމަކީ، ދައްކަންޖެހޭ ފައިސާ ދެއްކާނެގޮތަކާއިމެދު ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ. މިސާލަކަށް، ކުއްޔަށް ތަނެއްދީ، އެތަން ބޭނުންކުރުމަށްފަހު ކުލި ނުދައްކައިގެން ޞުލްޙައިގެ އެއްބަސްވުމަކަށް ދާންޖެހިއްޖެނަމަ، އެކި މަސްތަކަށް ބަހާލައިގެން ކުލި ދައްކާނެގޮތަކާމެދު ދެފަރާތުން އެއްބަސްވެވިދާނެއެވެ.

މައްސަލަ ކޯޓަށް ހުށަހެޅުން

ކޯޓުން ބޭރުން މައްސަލަ ޙައްލުނުވެއްޖެނަމަ، ދެން އެންމެ ރަނގަޅު ގޮތަކީ ކޯޓަށް މައްސަލަ ހުށަހެޅުމެވެ. މިގޮތުން ޢާންމު ޙާލަތުގައި އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލަތައް މާލޭގައިނަމަ ހުށަހަޅާނީ ސިވިލް ކޯޓަށެވެ. އަދި މާލެ ފިޔަވައި އެހެން ރަށެއްގައިނަމަ ހުށަހަޅާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް އެ މައްސަލައެއްގެ ހިމެނޭ ފައިސާގެ ޢަދަދުގެ މައްޗަށް ބިނާކޮށް، މެޖިސްޓްރޭޓު ކޯޓަކަށް ހުށަހަޅަންޖެހޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅަން ޖެހިދާނެއެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ދެން ވާނީ ކިހިނެއްކަން

އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއްޖެނަމަ، އެންމެ ފުރަތަމަ އެ މައްސަލައެއް ބަލާނީ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުންނެވެ. މި މަރުޙަލާއަކީ، ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން، ޝަރީޢަތަކަށްނުގޮސް މައްސަލަ ޙައްލުކުރުމަށް ކޯޓުން މަސައްކަތްކުރާނެ މަރުޙަލާއެވެ. ޝަރީޢަތަށް ތަޙުވީލުކުރެވޭނީ، މި މަރުޙަލާގައި ކުރެވޭ މަޝްވަރާތަކުން ދެފަރާތް އެއްބަސްވާ ޙައްލެއް ނުލިބޭ ހިނދެއްގައެވެ. މިސާލަކަށް، ތަނެއް އިމާރާތްކުރުމަށް މީހަކާ ޙަވާލުކޮށް ދެފަރާތުން އެއްބަސްވެ މަސައްކަތްފަށައި، ވަކި ހިސާބަކުން އެއް ފަރާތުން އެއްބަސްވުމާ ޚިލާފުވެ މަސައްކަތް ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެ، ޝަރީޢަތަށްނުގޮސް މައްސަލަ ޙައްލުކުރެވިދާނެއެވެ.

ނަމަވެސް، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއެއް ނޯންނާނެއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، ދެފަރާތުން ވާހަކަ ދައްކައިގެން ދެފަރާތުން އެއްބަސްވާ ޙައްލަކަށް އައުމުގެ ބަދަލުގައި، މައްސަލަ ޝަރީޢަތުން ނިންމަނީއެވެ.

ގެއްލުމުގެ ބަދަލު

އެއްބަސްވުމާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކުގައި، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ އިތުރަށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، ކުރިމަތިވާ ގެއްލުމުގެ ބަދަލަކީވެސް ކޯޓުން ނަގައިދެވޭނެ އެއްޗެކެވެ. މިސާލަކަށް، ކުއްޔަށް ތަނެއްގައި ދިރިއުޅުމަށްފަހު ކުލި ނުދައްކާ ހިނގައިދާނެއެވެ. އަދި އެތަނުގެ ކަރަންޓް ބިލާއި ފެން ބިލު ނުދައްކާ އޮވެދާނެއެވެ. މިޙާލަތުގައި ބިލުތައް ދެއްކުމަށް ވެރިފަރާތުގެ އަތުންދާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން ކޯޓުން ނަގައިދޭނެއެވެ.

ނަމަވެސް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުނުކަން ކޯޓުގައި ސާބިތުކޮށްދިނުމަކީ، ގެއްލުން ލިބުނުކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ނުލިބޭކަމަށް އެއްބަސްވުމާ ޚިލާފުވި ފަރާތުން ދެކޭނަމަ އެކަން ސާބިތުކޮށްދިނުމަކީ، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ޒިންމާއެކެވެ. މިސާލަކަށް، ބޯޓެއް ބަނުމަށް ބަޔަކާ ޙަވާލުކޮށް، އެއްބަސްވި ތާރީޚަށް މަސައްކަތް ނިންމައިނުދީގެން އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކޯޓުގައި އެދޭ ޙާލަތުގައި، އެބޯޓު އެތާރީޚަށް ނިންމައިނުދިނުމުގެ ސަބަބުން ވީ ކޮންގެއްލުމެއްކަމާއި، އެ ގެއްލުން ފޫބެއްދުމަށް ކިހާ ފައިސާއެއް ޚަރަދުވިކަން ނުވަތަ ވާނޭކަން ސާބިތުކޮށްދިނުމަކީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

ނިންމުން

އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލަތަކަކީ، ވަރަށް ގިނައިން ދިމާވާ ބާވަތުގެ މައްސަލައެކެވެ. މިފަދަ ޙާލަތްތަކުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަމަކީ ކޮބައިކަން ސާފުވުމަށްޓަކައި، ލިޔުމުން އެއްބަސްވުން އޮތުމަކީ އެންމެ ބުއްދިވެރިގޮތެވެ. އަދި ގެއްލުން ލިބިފައިވާ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ފަސޭހަވެގެންދާނެ އިތުރު ވަސީލަތަކަށް ވާނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355